ކޮވިޑް-19 ވައިރަހުގެ އާ ވޭރިއެންޓެއް ޖަރުމަނުން ފެނިއްޖެއެވެ.

ޖަރުމަނުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ބަވާރިއާއިން ފެނުނު އާ ވޭރިއެންޓްގެ ކޭސްތައް، ޖަރުމަނުގެ ސިއްހީ އިދާރާތަކުން މިހާރު ގެންދަނީ އިތުރށް ތަހްގީގު ކުރަމުންނެވެ.

ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓެއް ކުރިން ޔޫކޭއިން ފެނިފައި ވާއިރު، އެއާ ތަފާތު ވޭރިއެންޓެއް ދެކުނު އެފްރިކާއިންވަނީ ފެނިފައެވެ. އަލަށް ފެނުނު ވޭރިއެންޓްގެ ސަބަބުން ބަލި ފެތުރުން ދުނިޔޭގައި ވަރަށް ހަލުވިވެފައި ވެއެވެ.

ބަވާރިއާ ސްޓޭޓްގެ ހޮސްޕިޓަލަކުން 73 ބަލިމީހުންނާއި ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 35 މީހުންގެގައިން ފެނިފައިވަނީ މުޅިން އާ ވައިރަސްގެ ވައްތަރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެމީހުންގެ ގައިން ފެނިފައިވަނީ ޔޫކޭއާއި، ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓާ ތަފާތު ވޭރިއެއްޓެއް ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ހޮސްޕިޓަލްގެ ޑެޕިއުޓީ މެޑިކަލް ޑިރެކްޓަރ ކްލެމެންސް ސްޓޮކްލަސްނަރ ވިދާޅުވީ، ޖަރުމަނުން މި ފެނުނު އާ ވޭރިއެންޓަކީ މީހުންގެ މެދުގައި ކޮވިޑްބަލި ހަލުވިކަމާއެކު ފަތުރާ އަދި ކުރިން ފެނިފައިވާ ވޭރިއެންޓަށްވުރެ ނުރައްކާ ވޭރިއެންޓެއް ކަމަށް އަދި ޔަގީންނުވާ ކަމަށެވެ.

ބަވާރިއާގެ ހޮސްޕިޓަލުން ފެނުނު ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓްގެ ސާމްޕަލް މިހާރުވަނީ އިތުރު ތަހުލީލު ހެދުމަށްޓަކައި ވެރިރަށް ބާރލިންގެ ޗެރައިޓް ހޮސްޕިޓަލަށް ފޮނުވާފައެވެ.

ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓެއް ފެނުމާ ގުޅިގެން ޖަރުމަނު ސަރުކާރުގެ ހެލްތު މިނިސްޓަރ ޖެންސް ސްޕާން ވިދާޅުވީ، އާ ވޭރިއެންޓްގެ ސަބަބުން ކޮވިޑްބަލި ފެތުރުން މަޑުޖެހުމަކަށް ގެނައުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.