ގއ. ވިލިނގިލީގައި އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފި އެވެ.

ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނައީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލު ކުރަމުންދާ އެއަތޮޅު ދާންދުއަށް ނިސްބަތްވާ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ ދަރިވަރާ ކޮންޓެކްޓްވި މީހުންގެ ތެރެއިން އިތުރު ދަރިވަރަކު ވެސް ޕޮޒިޓިވްވި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި ލިޔުމެއްގައި ވަނީ ވިލިނގިލީގެ މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން، މިއަދުން ފެށިގެން އެރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ލ. ފޮނަދު އާއި އެއަތޮޅު ގަން ވެސް މީގެކުރިން މޮނިޓަރިންގެ ހާލަތަށް ގެނައުމަށްފަހު ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ. މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ދެއްވަދު އާއި ދާންދޫ އެވެ.