ހުރިހާ އެންމެންނަކީ އެއްވަރަކަށް ދީން އެނގޭ ބަޔަކަށް ނުވި ނަމަވެސް އެކަމަށް ބަދު ބަސް ބުނެ، ނިކަމެތި ކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފަލަސްތީނުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށެވެ. އަދި އެއް އުއްމަތެއްގެ މުސްލިމުންގެ ގުޅުމަކީ ލޭގެ ގުޅުމާއި ރަހިމުގެ ގުޅުމަށްވުރެވެސް ބޮޑު އެއްޗެއް ކަމަށެވެ. ހަމައެހެންމެ ކޮންމެ ގައުމެއްގައި ހުއްޓަސް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާ ކުރަންޖެހޭ ވާޖިބުތައް ހުންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ކަން އޮތްގޮތަކީ މިހެން ކަމަށްވީ ނަމަވެސް މިއަދު އިސްލާމީ އުއްމަތުގެ ނިކަމެތިކަމާ ބަލިކަށިކަން ގޮސްފައިވާ ހާލަތު އޮތީ ހިތާމަ ކުރަންޖެހޭ ހިސާބުގައި ކަމަށެވެ. އޭގެ ހަގީގަތަކީ އީމާންތެރިކަން ބަލިކަށިވެފައިވާ މިންވަރު ކަމަށާއި މުސްލިމް އުންމަތާ ދޭތެރޭ މުސްލިމުންގެ އިހްސާންތެރިކަން ނެތް މިންވަރު ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން ވިދާޅުވީ، މި ރާއްޖޭގެ ރައްޔިތުން ތިބީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށާއި މިގޮތުގައި ސާބިތުވެ ތިބުމަށް އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭން ޖެހޭނެ ކަމަށެވެ. އަދި ދީނުގެ އިލްމު ފަތުރައި ދީނަށް އެންމެން އުޅެ ސުންނަތަށް ލޯބިކޮށް، ދީނަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އިމްރާން ފާހަގަބކުރެއްވިއެވެ.
އިމްރާން ވިދާޅުވީ، ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބައެއް ކަމަށް ވެދާނެ ކަމަށް އެއީ މުޖުތަމައުތަކުން ފެންނާނެ ކަމެއް ނޫން ކަމަށެވެ. އެކަމާ ހުރެ އަނެކާގެ މައްޗަށް ބަދު ބަސް ބުނެ، ނިކަމެތިކޮށް، އިހާނެތި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބައެއް ކަމަށް ވެދާނެ ކަމަށް އެއީ މުޖުތަމައުތަކުން ފެންނާނެ ކަމެއް ނޫން. އެކަމާ ހުރެ އަނެކާގެ މައްޗަށް ބަރު ބަސް، ބަދު ބަސް ބުނެ، ނިކަމެތިކޮށް އިހާނެތި ކުރުމަކީ އެކަކު ވެސް ކޮށްގެންވާނެ ކަމެއް ނޫން. މި ކަހަލަ ދުވަހެއްގައި އަޅުގަނޑުމެން މި ޒިކުރާ އާ ކުރަން ޖެހޭ،" އިމްރާން ވިދާޅުވިއެވެ.