ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލަށް ހުރިހާ މާނައެއްގައި އެމެރިކާއިން ހިތްވަރު ދެމުން އަންނާތީ ގައުމުގެ އާންމު ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މާދަމާގެ ވަގުތެއްގައި ޒަޔަނިސްޓް އިޒްރޭލަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ވޮޝިންގޓަނުން މިއަދު އިއުލާން ކޮށްފިއެވެ.
ބައިޑަން، އިޒްރޭލަށް ވަޑައިގެން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މަޝްރަހް ދިރާސާ ކުރައްވާ ތަޖުރިބާކާރުންގެ ނަޒަރުގައި ބައިޑަންގެ މައިގަނޑު އަމާޒަކަށް ވެފައި އޮތީ މެދުއިރުމަތިން އެމެރިކާގެ ނުފޫޒު ގެއްލެމުންދާތީވެ، އެނބުރި އެނުފޫޒް ހޯދުމަށް މަސައްކަތް ކުރެއްވުމެވެ. އަދި މެދުއިރުމަތީގެ ސުލްހަމަސަސްކަން ދެމެހެއްޓޭނީ އެކަމަށް އިސްނަގައި ވަކާލާތު ކުރާނީ އެމެރިކާކަން ދުނިޔޭގެ ލޯތަކަށް ދެއްކުމެވެ.
އިޒްރޭލުގެ ހައްދު ފަހަނައެޅި ސިފައިން ރޭ އެކަނި ދިން ޢުދުވާނީ ހަމަލާތަކުގައި ޚާން ޔޫނިސްއިން އެކަނިވެސް 70 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއެވެ.
ބައިޑަން، ފަލަސްތީނުގެ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ ސަހްޔޫނީ އިޒްރޭލަށް ވަޑައިގަންނަވާއިރު ޣައްޒާއަށް ކޮންމެ 3 ސިކުންތަކުން އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ގެންދަނީ ހަމަލާދެމުންނެވެ. މުޅި ދުނިޔެ ކަހަލަ ގޮތަކަށް ގޮވަމުން ދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން މިހާތަނަށް އެކަމަށް ދެމުން އަންނަނީ ބީރު ކަންފަތެކެވެ.