ޝާހްރުކް ޚާން، ކާޖޮލް އަދި ރާނީ މުކަރްޖީގެ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ 1998 ގެ ސުޕަ ބްލޮކްބަސްޓާ ފިލްމެކެވެ.

ލަވަތަކުން ފެށިގެން ސްޓޯރީލައިނާ ހަމައަށް ވެސް ފިލްމަށް އަދިވެސް ތައުރީފު ލިބެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ފިލްމު އެހާބޮޑޫ ހިޓަކަށް ވީ، ޓުވިންކަލް ކަންނާ މި ފިލްމު ކުޅެން އެއްބަސް ނުވުމުންނެވެ.

ޝާހާއި ކާޖޮލް އަދި ރާނީގެ ކެރެކްޓާތައް އަދިވެސް ޒުވާނުންނާ ގުޅެމުން އަންނަ އިރު، ޑައިރެކްޓަރު ކަރަން ޖޯހަރު އެންމެ ފުރަތަމަ ޓީނާގެ ރޯލު ލިޔުނީ ޓްވިންކަލް ކަންނާ އަށް ވިސްނައިގެން ކަން އެނގޭ ހެއްޔެވެ؟ ނަމަވެސް އޭނާ އެ ފިލްމުގައި މަސައްކަތް ކުރަން ދެކޮޅު ހެދި ކަން އެނގޭ ހެއްޔެވެ؟ އެއަށްފަހު ކަރަންޖޯހަރް އެ ރޯލު ހުށަހެޅީ ރާނީ މުކަރްޖީއަށެވެ.

ދާދި ފަހުން ޓްވިންކަލް ކަންނާގެ ކުރީގެ އިންޓަވިއުއެއް އިންޓަނެޓުގައި އަނެއްކާވެސް ދައުރުވެގެން ދިޔައިރު އޭނާ ވަނީ މި ފިލްމާ ގުޅުން ހުރި ހައިރާންކުރުވަނިވި އެތައް ވާހަކައެއް ދައްކައި، މިހާރު އެންމެންގެ ސަމާލުކަން ހޯދަމުން އަންނަ އޭނާގެ ހަޔާތާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއްވެސް ދައްކާފަ އެވެ.

ޓުވިންކަލް ގާތު ކުޗް ކުޗް ހޯތާ ދޫކޮށްލުމުން ޓްވިންކަލްގެ ހިތުގައި އެއްވެސް ހިތާމައެއް އެބައޮތްތޯ އެއްފަހަރު ހަފްލާއެއްގެ ތެރޭ ސުވާލު ކުރުމުން އޭނާ ބުނީ ތެދަށް ބުނަންޏާ ކުޗް ކުޗް ހޯތާ އޭނާގެ އަތުން ދިޔައީތީ އެންމެ ފުރަތަމަ އެއްވެސް ހިތާމައެއް ނުކުރާ ކަމަށެވެ. އެކަމަކު މިހާރު ބްލޮކްބަސްޓާއަކަށް ވުމަށް ފަހު ފިލްމަށް ލިބުނު ހުރިހާ އެވޯޑެއްގެ ވީޑިއޯތައް ބަލާ ފަހަރު ދެރަވާކަމަށާއި އެހެންނަމަވެސް އޭރު އަސްލު ކުއްލިއަކަށް ދިމާވި ސަބަބުތަކާ ހުރެ އެ ފިލްމު ނުކުޅެވުނީ ކަމަށްވެސް ޓުވިންކަލް ވަނީ ބުނެފައެވެ.

ހަމަމިއާއެކު އަބަދުވެސް ޓުވިންކަލް ގަބޫލުކުރާ ގޮތުގައި ކަރަން އެފިލްމަށް ރޯލުތަކަށް ނަގާފައި އެތިބީ އެންމެ އެކަށީގެންވާ މީހުންނެވެ. ފިލްމު ކާމިޔާބު ވުމުގެ ބޮޑު ދައުރަކީވެސް އެއީ ކަމަށް އޭނާ ވަނީ އެތައް ޝޯވތަކަކާއި ހަފްލާތަކެއްގައިވެސް ބުނެފައެވެ.

ޓުވިންކަލް ބުނާ ގޮތުގައި ޝާހްރުކް ޚާން، ކާޖޮލް އަދި ރާނީ، ކަރަންގެ އެ ވާހަކައަށް ފުރިހަމަ އަށް ކުލަ ގެނެސްފައިވާކަމަށް އޭނާ ގަބޫލު ކުރެއެވެ. އެއްގޮތަކަށް ވިސްނަންޏާ އެ ފިލްމުގައި އޭނާ ނެތުމަކީ ފިލްމު ސުޕަޑުޕަ ހިޓަކަށް ވީ އަސްލު ސަބަބުކަމަށް ޓުވިންކަލް ކަންނާ ގަބޫލު ކުރާ ކަމެއް ނޭނގެއެވެ. އެކަމަކު މިއީ ފިލްމީދިރާސާ ރިޕޯޓަރުން ދެކޭ ގޮތެވެ. ސަބަބަކީ ޓުވިންކަލް އަކީ އޭނާ ކުޅުނު "ބަރްސާތު"ގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ ބާރުމިނުގައި އޮއްސިގެން ދިޔަ ތަރިއެއް ކަމަށް ގިނަ މީހުން ގަބޫލު ކުރާތީއެވެ.