އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މި ޖެނުއަރީމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުގެ ތެރޭގައި، ކޮންގްރެސް އިމާރާތުގައި ހުންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީގެ އޮފީސްކޮޅަށް ވަދެ، އެ އޮފީހުން ލެޕްޓޮޕެއް ވަގަށްނެގި އަންހެންމީހާ ހައްޔަރު ކޮށްފިއެވެ.

ރިލީ ޖޫން ވިލިއަމްސް ނަކަށްކިޔާ އަންހެންމީހާއަކީ ޕެލްސިލްވޭނިއާއަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައިވަނީ، ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށްފައިވަނީ އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ހާޟިރުވުމުން ކަމަށެވެ.

ރިލީ ޖޫން ވިލިއަމްސް އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ހާޟިރުވީ، ނޭންސީ ޕެލޯސީގެ އޮފީސްކޮޅުން ލެޕްޓޮޕް ވަގަށްނެގި މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށައި އަދި އެކަން ހާމަކޮށްފައި ވަނިކޮށެވެ.

ހައުސްގެ ރައީސާ ނޭންސީ ޕެލޯސީގެ އޮފީސްކޮޅަށް ވަދެ ލެޕްޓޮޕް ވަގަށްނެގި އަންހެންމީހާ:

ރިލީ ޖޫން ވިލިއަމްސް، ހައުސްގެ ރައީސާ ނޭންސީ ޕެލޯސީގެ އޮފީސްކޮޅުން ލެޕްޓޮޕް ނަގައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް، އެމެރިކާގެ އެފްބީއައި އިން ހާމަވެސް ކޮށްފައި ވެއެވެ.

ރިލީ ޖޫން ވިލިއަމްސް، އެ ލެޕްޓޮޕް ރަޝިޔާއަށް ވިއްކާލަން މަސައްކަތް ކުރިކަމުގެ ރިޕޯޓްތައް ފެތުރިފައިވުމާ ގުޅިގެން އެފްބީއައި އިން ގެންދަނީ އެކަން ތަހްގީގު ކުރަމުންނެވެ.

ރިލީ ޖޫން ވިލިއަމްސް އެ ލެޕްޓޮޕް ރަޝިޔާއަށް ވިއްކާލަން އުޅުނުކަމުގެ މައުލޫމާތު އެފްބީއައިއަށް ދީފައިވަނީ ރިލީގެ ކުރީގެ ލޯބިވެރިއެކެވެ.

ރިލީގެ ކުރީގެ ލޯބިވެރިޔާ ބުނެފައިވަނީ، ރިލީ އުޅުނީ ރަޝިޔާގައި ހުރި އޭނާގެ ރަހްމަތްތެރިޔަށް ފޮނުވާލަން ކަމަށާއި، އަދި ރާވާފައިއޮތީ އޭގެފަހުން ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ސަރވިސްއަށް ލެޕްޓޮޕް ވިއްކާލަން ކަމަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ، ލެޕްޓޮޕް ވަގަށްނެގި މީހާގެ މައްޗަށް ގާނޫނާ ޚިލާފަށް ކޮންގްރެސް އިމާރާތަށް ވަދެގަތުމާއި، ލެޕްޓޮޕް ވަގަށް ގެންދިއުމުގެ ދައުވާ އުފުލާނޭ ކަމަށެވެ.