އެސްޓީއޯއާއި އެ ކުންފުންޏާއި ގުޅިފައިވާ ކުންފުނިތަކުގެ ފަރާތުން ފަލަސްތީނަށް 1 މިލިޔަން ރުފިޔާ ހަދިޔާ ކޮށްްފިއެވެ.

މި ޗެކު ހަވާލުކޮށްފައި ވަނީ މީޑިއާތަކުން ގުޅިގެން ބާއްވާ ހާއްސަ ތެލެތޯން "އަހަރެމެން ފަލަސްތީނާއެކު" ޝޯގައެވެ. މި ޗެކު ހަވާލު ކުރުމަށް އެސްޓީއޯގެ އިތުރުން ގުޅިފައިވާ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ ފިއުލް ސަޕްލައި، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ގޭސް،އެމްއެސްއެސް އަދި މިފްކޯގެ އިސްބޭފުޅުން ވަނީ ބައިވެރި ވެލައްވާފައެވެ. އަދި މި ރަމްޒީ ޗެކުގައި އެ ހުރިހާ ބޭފުޅުން ވަނީ ސޮއި ކުރައްވާފައެވެ.

މިއީ މިޝޯގައި މިހާތަނަށް އެއްބަޔެއްގެ ފަރާތުން ލިބުނު އެންމެ ބޮޑު އެހީވެސްމެއެވެ. އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން ފަލަސްތީނަށް އެހީވުމަށް ހުޅުވާލައިފައިވާ ފަންޑަށެވެ.

މި ޝޯގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެއް މިލިއަން ރުފިޔާ އަކީ މިހާރު އެ ކުންފުންޏަށް ދެވެން އޮތް އެހީ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތާ ވެސް އަދިވެސް އިތުރު އެހީ ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.