މަޝްހޫރު ނޫސްވެރިޔާ ހުސެއިން ހަސަން މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެ ކަން ހާމަކުރައްވައިފި އެވެ.

މިކަން ހާމަކޮށް ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅާއި ރާއްޖެއަށް ބޭނުންވަނީ ހެޔޮބަދަލެއް ކަމަށާއ އެމްޑީޕީން ބޭނުންވާ ބަދަލު ގެނެވޭނީ އާ ޖީލަކަށް ފުރުސަތު ދީގެން ކަމަށެވެ.

ހުސެއިން އަކީ މީގެ ކުރިން ރާއްޖެ ޓީވީއާއި، ސަން އޮންލައިން ގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. އަދި މިހާރު އަމިއްލަ ނޫހެއް ހުސެއިން އަންނަނީ ހިންގަވަމުންނެވެ.

މީގެއިތުރުން ހުސެއިން ވަނީ މި ސަރުކާރުގައި އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންގެ މަގާމުވެސް ފުރުއްވާފައިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ހުސެއިން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަލުން ނޫސްވެރިކަމަށް ނުކުމެފައިއެވެ.