އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތަކާއި ގުޅިގެން މިއަދު އެމެރިކާގެ ރައީސާއެކު ވެރިރަށް އައްމާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް، ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ރަސްގެފާނު ކެންސަލް ކުރައްވައިފިއެވެ.

ރަސްގެފާނު އަބްދުﷲ، ބައިޑަންއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް ކެންސަލް ކުރެއްވިކަން އިއުލާން ކުރެއްވީ ޣައްޒާގެ ހޮސްޕިޓަލަކަށް ރޭ ވައިގެން މަގުން ހަމަލާދީ 500 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި ޒަޔަނިސްޓް އިޒްރޭލުން ހިންގި ގަތުއާންމާއި ގުޅިގެންނެވެ.

ބައިޑަން މިއަދުގެ ވަގުތެއްގައި ޒަޔަނިސްޓް އިޒްރޭލަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކުރިން ހަމަޖެހިފައި އޮތީ، އިޒްރޭލަށް ވަޑައިގަތުމަށްފަހު ޖޯޑަންއަށް ބައިޑަން ވަޑައިގަންނަވާ ގޮތަށެވެ. އަދި ރަސްގެފާނު އަބްދުﷲ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސާއި މިސްރުގެ ރައީސް ފައްތާހް އައް ސީސީއާއެކު ސަމިޓެއް ބާއްވަވާ ގޮތަށެވެ.