ސިކްސް ސެންސަސް ކަނުހުރާ ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގައިފިއެވެ.

މިކޯސް ކުރިއަށް ގެންދިޔައީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 17 ދުވަހުގެ ނިޔަލަށް ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައެވެ. މިކޯހުގައި އެރިސޯޓުގައި މަސައްކަތްކުރާ 11 މުވައްޒަފަކު ބައިވެރިވެ، ކޯސް ވަނީ ވަނީ ފުރިހަމަކޮށްފައެވެ.

މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން ފިޒިކަލް ޓްރެއިނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައްވެސް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައެވެ.

ސިކްސް ސެންސަސް ކަނުހުރާ ރިސޯޓުގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ މި ދާއިރާއިން ޢިލްމާއި ތަމްރީނު ލިބިފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.