އަންނަ އަހަރު ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިފަހަރުވެސް ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން އެ ދާއިރާގެ މިހާރުގެވެސް މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިކަން ހާމަކުރައްވައިފައި ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިވަގުތު ހުންނެވީ އެމްޑީޕީގައި ކަމަށާއި އެހެންކަމުން ކާށިދޫ ދާއިރާއަށް ކުރިމަތި ލައްވާނީވެސް އެ ޕާޓީގެ ފަރާތުން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އެ މަނިކުފާނާއި ވާދަކުރެވޭވަރުގެ ފަރާތެއްހުރި ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ

އަދި މިހާރުވެސް އިންތިހާބުގެ ޕްރައިމަރީއަށް ކެމްޕެއިން ފަށާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ވަމުން އަންނަ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ގާފަރު އަދި ކާށިދޫ ދާއިރާގެ ހުރިހާ ބޭފުޅުންވެސް އެ މަނިކުފާނަށް ވޯޓު ދެއްވާނެ ކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީއަށް ގޮނޑި ލިބެންއޮތީވެސް އެ މަނިކުފާނު ވާދަކުރައްވައިގެން ކަމަށް އެޕާޓީއަށް ނިސްބަތްވާ މެންބަރުން ވެސް ދެކެވަޑައިގަންނަވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިފަހަރުގެ އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވަނީ މައުލޫމާތު ދެއްވައިފައެވެ.