ޣައްޒާގެ ހޮސްޕިިޓަލަށް އިޒްރޭލުގެ ސިފައިން ދިން ލާއިންސާނީ ހަމަލާގެ ސަބަބުން އަރަބި ވެރީން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރަން ދެކޮޅު ހަދައިފިއެވެ.

މިއަދުގެ ވަގުތެއްގައި ބައިޑަން އިޒުރޭލަށް ކުރައްވާ ދަތުރުފުޅަށް ފަހު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާއި މިސްރުގެ ރައީސް ސީސީގެ އިތުރު ޖޯޑަންގެ ރަސްގެފާނާ ބައްދަލު ކުރައްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ޣައްޒާގެ އަލް އަހުލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދީ 800 އަށްވުރެ ގިނަ މީހުން ޝަހީދުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ބައިޑަންއާ ބައްދަލު ނުކުރައްވަން އެބޭފުޅުން ވަނީ ނިންމަވައިފައެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ވަނީ ބައިޑަންއާ ބައްދަލު ނުކުރައްވާނޭ ކަން އިއުލާން ކުރައްވައިފައެވެ.

އެމެރިކާ އިން ބުނާގޮތުގައި މިދަތުރުގެ ބޭނުމަކީ އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ތެރެއަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުން ވަދެ ހަނގުރާމަ ފުޅާވުމުގެ ބިރު ކުޑަ ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

އިޒުރޭލުގެ އުދުވާނުގެ ސަބަބުން ހޮސްޕިޓަލުގައި ތިބި 800 އަށް ވުރެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. ހަމައެއްލަމައެއްނެތި ދިން މިހަމަލާ އަރާފައިވަނީ ހޮސްޕިޓަލުގެ ގޯތިތެރެއަށެވެ. އެވަގުތަކީ ފަލަސްތީނުގެ އެތައް ބަޔަކު އެތަނުގެ ހިމާޔަތް ހޯދަމުން ދިޔަ ވަގުތެކެވެ. މި ހަމަލާއަށްފަހު އަރަބި އިސްލާމީ ގައުތަކުގައި އިޒްރޭލާ ދެކޮޅަށްކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. މި ހަމަލާއަށްފަހު ދޮގުވެރި ޔަހޫދީ ދައުލަތުން ބުނެފައިވަނީ އެއީ އެމީހުން ދިން ހަމަލާއެއްނޫން ކަމަށެވެ. އެހަމަލާ ދީފައިވަނީ ފަލަސްތީނުގެ ހަމާސް ފަދަ ޖަމާއަތަކުން ކަމަށް، ގޮތެއްފޮތެއްނެތް ޖާހިލު ދައުލަތުން ވަނީ ބުނެފައެވެ.