އިޒްރޭލުން ޢައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ޣައްޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި މިސްރަށް ވެއްދުމަށް އިޒްރޭލުން ކުރަމުން އަންނަ މަސައްކަތް ބަލައި ނުގަންނާނެ ކަމަށާއި މިއީ އިޒްރޭލުގެ މަކަރުވެރި ރޭވުމެއް ކަމުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވެއްޖެއެވެ.

އަލް ސީސީ ވިދާޅުވީ އިޒްރޭލުގެ ބޭނުމަކީ ޣައްޒާގެ ގިނަ އަދަދެއްގެ ބަޔަކު މިސްރުގެ ސީނާއަށް ވެއްދުން ކަމަށެވެ. އަލް ސީސީ ވިދާޅުވީ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ހިންގަން ބޭނުންވާ އަސްކަރީ އޮޕަރޭޝަން ހިންގައި ނިމެންދެން ޣައްޒާގެ ރައްޔިތުން އިޒްރޭލުގެ ސަރަހައްދުގައި ބެއިތިއްބުން މާރަނގަޅުވާނޭ ކަމަށެވެ. ޣައްޒާގެ ރައްޔިތުން މިސްރަށް ވައްދައިފިނަމަ، ހަމާސް ޖަމާއަތާ ދެކޮޅަށް އޮޕަރޭޝަން ހިންގުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއިން ނުފައިބާ އެތައް އަހަރެއް ހޭދަކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ރައީސް ސީސީ ވިދާޅުވިއެވެ.

ރައީސް ސީސީ އިތުރަށް ވިދާޅުވީ ޣައްޒާއިން ފެނާއި ކަރަންޓާއި އަސާސީ ހުރިހާ ޚިދުމަތްތަކެއް އެކީއެކައްޗަަކަށް ލިބުން އިޒްރޭލުން ހުއްޓުވާލީ ޣައްޒާގެ ރައްޔިތުން އެތަން ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުމަށް ކަމަށެވެ. އެހާލަތުގައި މިސްރަށް ޣައްޒާގެ ރައްޔިތުން ވެއްދުމަށް ޕްރެޝަރު ކުރިކަމުގައި ވިޔަސް، އެކަން ކޮށްފިނަމަ ޣައްޒާގެ ރައްޔިތުންނަށް ލިބޭނީ މާބޮޑު ނިކަމެތި ކަމެއްކަމަށް ގަބޫލްފުޅު ކުރެއްވޭ ކަމަށް ސީސީ ވިދާޅުވިއެވެ.

މިސްރުގެ އިތުރުން ޖޯޑަންގެ ޢަބްދުﷲ ރަސްގެފާނު ވެސް ވިދާޅުވެފައި ވަނީ ޣައްޒާގެ ރައްޔިތުން ރެފިއުޖީން ގޮތުގައި ބަލައިގަންނަން ޖޯޑަން ތައްޔާރު ނޫން ކަމަށެވެ. އެހެންނަމަސް މިސްރުގެ ރައީސް ފަދައިން ސަބަބުތައް ހާމައެއް ނުކުރައްވައެވެ.