މާލޭގައި ހިންގާ ބައެއް ސްކޫލްތައް އެއް ދަނފަޅިއަށް ހެދުމުގެ ޕްލޭންގެ ދަށުން އަމީނިއްޔާ ސްކޫލަށް، ސީއެޗްއެސްއީގެ ކުރީގެ އިމާރާތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން ނިންމާފައި ވަނީ އެ ސްކޫލްގެ ކިޔެވުން އެއް ދަނފަޅިއަށް ބަދަލު ކުރުމުގެ މަގްސަދުގައެވެ. އެ ގޮތުން އެ ސްކޫލްގެ އިމާރާތަކީ އަމީނިއްޔާއާ ޖެހިގެން ހުރި އިމާރާތެއް ކަމުން ދެ ސްކޫލް ގުޅާލުމުގެ މަސައްކަތަކީ ދިގުދެމިގެން ދާނެ ކަމެއް ނޫން ކަމަށް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައެެވެ.

ދެ ސްކޫލް އެއްކުރުމަށް ކުރުމުގެ ކުރިން ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކޮށް ނިންމާލާނެ ކަމަށާއި އެކަންތައް ނިމުނުހާ އަވަހަކަށް އަމީނިއްޔާ ސްކޫލް، އެއް ދަންފަޅިއަށް ބަދަލު ކުރާނެ ކަމަށް އެޑިއުކޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

މި ގޮތަށް ކިޔަވައިދޭން ފަށާނެ ވަކި ތާރީހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

މަސައްކަތް ކުރިއަށް ދާ ވަރަކަށް ބަލާފައި އެ ތާރީހު ފަހުން އިއުލާން ކުރާނެއެވެ.

މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ މާލޭގެ ބައެއް ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަަމަށް ވިދާޅުވެފައެވެ. އެ ގޮތުން މާލޭގައި ހުރި އެންމެ ދުވަސްވީ ބޮޑެތި ސްކޫލްތައް ކަމަށްވާ އަމީނިއްޔާ އާއި މަޖީދިއްޔާ އަދި އިސްކަންދަރު ސްކޫލް، އެއް ދަންފަޅިއަށް ބަދަލު ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.