ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ލީޑަރުން ކިބައިން މިސްރާއި ލިވަޕޫލްގެ ފުޓްބޯޅަ މުހައްމަދު ސަލާހް އެދިއްޖެއެވެ.

ސޯޝިއަލް މީޑިޔާގައި ސަލާހް އާންމު ކުރި ވީޑިއޯއެއްގައި ބުނީ ޣައްޒާއިން ފެންނަމުން ދަނީ ހިތްކުދިކުދި ވާފަދަ މަންޒަރު ކަމަށާއި އިތުރު ފުރާނަތައް ގެއްލުމުގެ ކުރިން ޣައްޒާގެ ރައްޔިތުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

ސަލާހް ބުނީ ކޮންމެ ފުރާނައަކީވެސް ރައްކާތެރިކަން ލިބެންޖެހޭ އަދި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފުރާނައެއް ކަމަށާއި ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާ ކަމަށެވެ.

ޣައްޒާ އާއި ފަލަސްތީނުގެ ހަމްދަރުދީވެ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސަލާހް ގޮވާލާފައިވާއިރު، ޖަރުމަނު ލީގުގައި ކުޅޭ މުސްލިމް ބައެއް ކުޅުންތެރިން ފަލަސްތީނަށް ތާއީދުކޮށް ހިޔާލުފާޅު ކުރުމުގެ ސަބަބުން އެކުޅުންތެރިން ކުޅެމުން އަންނަ ކްލަބުތަކުން ދަނީ ފިޔަވަޅު އަޅަމުންކަން ފާހަގަ ކޮށްލެވެެއެވެ.

ޣައްޒާގައި އިޒްރޭލުން ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގަމުން އަންނައިރު، ކައިރީގައި ވަށައިގެން ތިބި މުސްލިމް ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތައް ތިބީ ކުޅިބަލާށެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސްގެ ސަބަބުން އދ.ގެ ސަލާމަތީ މަޖިލީހުން އިޒްރޭލާ ދެކޮޅަށް އެންމެ ކަމެއްވެސް ފާސް ކުރެވޭނެ ޖާގައެއް ނެތެވެ.

އެހީގެ ސާމާނުތައް ހިފައިގެން ޣައްޒާ އާއި މިސްރު ގުޅުވައިދޭ ރަފަހް ބޯޑަރު ކައިރީގައި އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ އެހީގެ ސާމާނުތައް ހިފައިގެން ބައެއް ޖަމިއްޔާތަކުން ތިބިނަމަވެސް، ޣައްޒާއަށް އިޒްރޭލުން ބޮންއަޅަމުންދާތީވެ، މިސްރުން ވަނީ ރަފާހް ބޯޑަރު ހުޅުވަން ދެކޮޅު ހަދާފައެވެ.