ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލް ފުރި އެންމެ ފަހުން ބިންމަތީގައި ފަރުވާދޭން މަޖުބޫރު ވެއްޖެ ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ފަލަސްތީނުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލުތަގެ ތެރެއިން އެއް ހޮސްޕިޓަލެވެ. އެތާގައި 700 އެއްހާ އެނދުބެހެއްޓިފައި ވެއެވެ. ނަމަވެސް ޒަހަމްވެފައިވާ މީހުންގެ އަދަދު ގިނަ ވުމުގެ ސަބަބުނެ އެނދުތައް ފުރި، މިހާރު ބިންމަތީގައި ފަރުވާ ދެމުންދާ ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

އިސްރޭލުންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ތިން ހޮސްޕިޓަލެއް ވަނީ ސުންނާފަތިވެފައެވެ. މި ހޮސްޕިޓަލު ތަކުގައި މިހާރު ފަރުވާ ދިނުން ވަނީ ހުއްޓާލާފައެވެ.

އިސްރޭލުން ވަނީ ފަލަސްތީނުގެ އަލް އަހްލީ ހޮސްޕިޓަލަށް ވެސް ހަމަލާދީ އެތަށް ބަޔަކު ޝަހީދު ކޮށްލާފައެވެ. އިސްރޭލުގެ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން މިހާރު ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު 4000 އާ ގާތްކުރަނީ އެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު 120000 އަށް ވުރެ ވަނީ މަތިވެފައެވެ.