ކަކުލުގެ ލިގްމަންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން، އަންނަ އަހަރުގެ ޖޫން މަހު އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުން ބްރެޒިލްގެ ތަރި ނޭމާ ނުފެނިދާނެ ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ގޯލް.ކޮމްއިން ބުނެފިއެވެ.

ނޭމާގެ ކަކުލުގެ ލިގްމަންޓަށް އަނިޔާވީ ވަރލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެ ރޭ އުރުގުއޭއާ ދެކޮޅަށް ކުޅެ ބްރެޒިލް 2-0 އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގައެވެ. ނޭމާއަށް އަނިޔާވެފައި މިވަނީ މީގެ ކުރިން ލިބުނު އަނިޔާއަކުން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައިތާ ދެމަހެއްހައި ދުވަސް ފަހުންނެވެ.

އަންނަ އަހަރު ކޮޕާ އެމެރިކާ އޮންނާނީ އެމެރިކާގައި ޖޫން 20 އިން ޖުލައި 14 އަށެވެ. ނޭމާ ކުޅެމުން އަންނަ ސައުދީގެ އަލް ހިލާލްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ނޭމާގެ ކަކުލުގެ ލިގްމަންޓަށާއި މިނިސްކަސްއަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ ދަނޑަށް ނިކުމެވޭނީ ސާރޖަރީއަކަށްފަހު ކަމަށެވެ. އާންމު ގޮތެއްގައި މިފަދަ ސާރޖަރީތަކަށްފަހު ކުޅުންތެރިޔާއަށް ދަނޑަށް ނިކުމެވޭވަރު ވާނީ 6 މަސް ފަހުންނެވެ.