އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ގަސްދު ކުރެއްވި ސަބަބަކީ ހެޔޮނިޔަތުގައި އުޅެބޮޑުވި ހުޅުމާލެ މެދު ދާއިރާއަށް ހިދުމަތް ކޮށްދެއްވުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ކުރީގެ ޕާސަނަލް އެސިސްޓެންޓް މުހައްމަދު ޝާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަލިނޫހަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓުރީގެ މިހާރުގެ ސިނިއާ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޝާން ވިދާޅުވީ އޭނާ އުޅެބޮޑުވީ ހުޅުމާލޭގައި ކަަމަށެވެ. ދިރިއުޅުމުގެ ހުރިހާ އަޑިއުސްތަކެއް ޝާން ހިއްސާ ކުރެއްވި ހުޅުމާލޭ މެދު ދާއިރާއަށް ހެޔޮނިޔަތެއްގައި ހިދުމަތް ކޮށްދެއްވުމުގެ އަޒުމުގައި މަޖިލިހުގެ އެދާއިރާއަށް ވާދަކުރެއްވުމަށް ގަސްދު ކުރެއްވީ ކަމަށް ޝާން ވިދާޅުވިއެވެ.

2004 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ޅ. ކުރެންދުއަށް އުފަން ތެއްތިރީސް އަހަރުގެ ޝާން އަކީ ކުރީގައި ނޫސްވެރިކަން ކުރައްވާފައިވާ ހިދުމާތްތެރި ޤާބިލް ބޭފުޅެކެވެ. ނޫސްވެރިކަމުގައި ޝާން ހާއްސަކޮށް ކަވަރ ކުރެއްވީ ކުޅިވަރު ދާއިރާއެވެ. ކުރީގެ ރާއްޖެ އޮންލައިނާއި ހާމަ ނޫހާއި ސަން އޮންލައިން އަދި ވީޓިވީގައިވެސް ޝާން ވަނީ މަސައްކަތް ކުރައްވައި، އެނޫސްތަކުގައި އިސް މަޤާމް ވެސް ފުރުއްވައިފައެވެ.

ޝާން އަކީ އުމުރުން އެންމެ 18 އަހަރުގައި އެމްޑީޕީއާ ގުޅިވަޑައިގެން މިއަދާހަމައަށް ވެސް ދެގޮތެއް ނުވެ ހުންނަވާ ޒުވާން ސިޔާސީ ލީޑަރެކެވެ. ހުޅުމާލެއިން ތަޢުލީމް ޙާޞިލްކޮށް، ހުޅުމާލޭގައި ވަޒަންވެރިވެގެން އުޅުއްވާ ޝާން އަކީ ޢާންމު ރައްޔިތުންނާ ވަރަށް ގުޅޭ، ޕާޓީގެ ޙަރަކާތްތަކުގައި އަބަދުވެސް އެންމެ ކުރީގައި ހުންނަވާ އެއް ބޭފުޅެކެވެ.

ނޫސް ވެރިކަމުގައު މަސައްކަތް ކުރެވި އިރު، ނޫސްވެރިންގެ ހައްޤުގައި ގިނަ މަސައްކަތް ތަކެއް ވެސް ކުރެއްވި ޝާން ވަނީ އެކްސް.ކޮމް ޕޯސްޓެއްގައި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އަލަަށް އުފެދުނު އެއް ދާއިރާކަމަށްވާ ހުޅުމާލޭ މެދު ދާއިރާއަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފައެވެ. އެޕޯސްޓުގައި ޝާން ވިދާޅުވެފައި ވަނީ ރަހުމަތްތެރިންނާއި ދާއިރާގެ ގިނަ ލޮބުވެތި ރައްޔިތުންގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރިޔަށްއޮތް މަޖިލިސް އިންތިހާބު 2024 އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުޅުމާލެ މެދު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރެއްވިކަމަށެވެ.

ހުޅުމާލެ މެދު ދާއިރާއަކީ މަޖިލީހަށް އަލަށް އިތުރުކުރި ހަ ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ.