ގާޒާގެ ދެކުނުގައި ހުންނަ އަލް-ގުދްސް ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުގެ ފައުޖުތަކުން އަންގައިފިއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ރޭގައި ބުނީ ގާޒާ ސިޓީގެ އަލް-ގުދުސް ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުގެ "އިޒްރެއިލީ އޮކިއުޕައިޑް ފޯސަސް" އިން އަންގާފައިވާކަމަށެވެ. ފަލަސްތީނުގެ އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި އެ ހޮސްޕިޓަލު ހުސްކުރަން އަންގާފައިވަނީ މިއަދު ހެނދުނުގެ 06:00 ގެ ކުރިއަށެވެ.

އިޒްރޭލުން އެހެން އެންގިނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެހެނީ އެ ހޮސްޕިޓަލުގައި މިވަގުތުވެސް ހަތަރުސަތޭކަ އަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާދެމުން އަންނަ ކަމަށާއި މަގުމަތިވެފައިވާ ބާރަ ހާހެއްހާ ގާޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.

އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުވިފަދަ ހަމަލާއެއް އަމާޒުވުމުގެ ކުރިން ބައިނަލްއަގްވާމީ މުޖްތަމައުއިން ފިޔަވަޅެއް އަޅައިދިނުން އެދޭ ކަމަށްވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.

އަލް-ޤުދްސް ހޮސްޕިޓަލަކީ ގާޒާ ސިޓީގެ ތެލް އަލް ހަވާ އަވަށުގައި ހުންނަ ހޮސްޕިޓަލެކެވެ. 2009 ވަނަ އަހަރު އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެ ހޮސްޕިޓަލު ވަރަށް ބޮޑަށް ހަލާކުކޮށްލިއެވެ.