ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަކަށްހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެމެރިކާގެ 2 އަސީރުން ރޭ ދޫކޮށްލައިފިއެވެ.

ހަމާސްއިން ދޫކޮށްލި 2 އަސީރުންނަކީ މިމަހުގެ 7 ވަނަ ދުވަހު އެޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ހައްޔަރުކޮށް ޣައްޒާގައި ރަހީނު ކުރި ދެމީހުންނެވެ. އެއީ މަންމައަކާއި ފުރާވަރު އުމުރު ކުއްޖެކެވެ. މިދެއަސީރުން ރޭގެ ވަގުތެއްގައި ވަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކާ ހަވާލު ކޮށްފައެވެ.

އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ހަމާސް ޖަމާއަތުން 200 މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔައެވެ. މީގެ ތެރޭގައި އެމެރިކާގެ 20 މީހުން ހިމެނޭ ކަމަށް އެގައުމުން ބުނެއެވެ. އަދި އެޖަމާއަތުން ބުނަމުން ދިޔައީ އިންޒާރު ދިނުމެއް ނެތި ޣައްޒާގެ އާންމުން ދިރިއުޅޭ ތަންތަނަށް ބޮން އަޅަމުން ދާނަމަ އަސީރުން ގަތުލު ކުރާނެ ކަމަށެވެ. އެހެންނަމަވެސް އަސީރުންގެ ގޮތުގައި ހިފެހެއްޓި އެއްވެސް މީހަކު ހަމާސްއިން ގަތުލު ކުރި ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ 2 އަސީރުން ދޫކޮށްލުމުގައި ކޮން ޝަރުތުތަކެއް ކަމެއް އެމެރިކާއިން އަދި ގަތަރުވެސް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން، އެމެރިކާ އާއި ހުޅަނގުގެ މަދަދާއެކު ހިންގަމުން އަންނަ ޢުދުވާނުގައި މިހާތަނަށް 4،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އާންމުންގެ ގެދޮރަށާއި މިސްކިތްތަކަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ސަހްޔޫނީ އިޒްރޭލުގެ އަސްކަރިއްޔާއން ދަނީ ބޮން އަޅަމުންނެވެ.