އާޖެންޓީނާގެ ނުރައްކާތެރި ފޯވާޑް ހޫލިއަން އަލްވަރޭޒް، ރެއާލް މެޑްރިޑަށް ގެންނަން ކޯޗް ކާލޯ އެންޗަލެއްޓީ ބޭނުންވާ ކަމަށް އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރު ގަތަރުގައި އޮތް ވަރލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބު ކުރިއިރު، އާޖެންޓީނާ ޓީމުން ވިދާލި އަލްވަރޭޒްއަކީ ކަރީމް ބެންޒީމާ ރެއާލްގައި ނެތްތަން ފޫބައްދާނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށް އަންޗަލެއްޓީ ދެކޭ ކަމަށް އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ޖޫން މަހު ފެށޭ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލްއަށް ގެންނަން ބޭނުންވާ ލިސްޓުގައި އަލްވަރޭޒްގެ ނަން ހިމަނާފައިވާ ކަމަށް އާޖެންޓީނާގެ މީޑިޔާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ސިޓީއާއެކު އަލްވަރޭޒް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2028 ވަނަ އަހަރުއެވެ. އެކަމަކު ސިޓީގައި ނޯވޭގެ ވަރުގަދަ ފޯވާޑް އާލިންގ ހާލަންޑް ހުރުމުން މަދުފަހަރަކު ނޫނީ އަލްވަރޭޒަށް ފުރަތަމަ އެގާރައިން ޖާގައެއް ނުލިބެއެވެ. މިވަގުތު ސިޓީގެ ފުރަތަމަ އެގާރައިން އަލްވަރޭޒަށް ޖާގަ ލިބެމުން ދަނީ މިޑްފީލްޑަރު ކެވިން ޑިބްރޭނާއަށް އަނިޔާގައި ހުރުމުން ކްރިއޭޓިވް އެޓޭކިންގ މިޑްފީލްޑަރެއްގެ ރޯލުންނެވެ.