ހދ މަކުނުދޫ މަސްމާރުކޭޓު ކައިރީގައި އޮތް ސިލިންޑަރެއްގައި ގޮވައި ދެމީހަކު މަރުވެއްޖެއެވެ.

މަކުނުދޫ ކައުންސިލުން ތޯހިރާ އަބޫބަކުރު "ހަލި" ނޫހަށް ވިދާޅުވި ގޮތުގައި މީގެ ބައިގަޑި އެއްހާ އިރު ކުރިން ރަށުގެ ބަނދަރު މަތީގައި މަސައްކަތް ކުރާ ސަރަހައްދު ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމަށާއި އެ ގޮވުމުގައި ދެމީހަކު ވަނީ މަރުވެފަ އެވެ. މަރުވި ދެމީހުންނަކީ ދެ ފިރިހެނުން ކަމަށާއި ބޮޑަށް ލަފާ ކުރެވެނީ އެތަނުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީ ބައެއް ކަމަށްވެސް ތޯހިރާ ވިދާޅުވިއެވެ. އަދި މިވަގުތު އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ހދ މަކުނުދޫ މަސްމާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ. ފުލުހުންވެސް ވަނީ މީޑިޔާތަކަށް ފޮނުވި މެސެޖުގައި މި ހާދިސާ ގައި ދެމީހަކު މަރުވެފައިވާ ކަން ޔަގީންކޮށްދީފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައި ވަނީ އެރަށު އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެމީހުންނެވެ. މިއީ ދެ ބިދޭސީންނެވެ.

ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އަދި މި ހާދިސާއާ ގުޅޭ ގޮތުން އިތުރަށް އޮޅުން ފިލައި، އިތުރު މައުލޫމާތު ލިބެމުން، ހާމަވަމުންދާ ވަރަކަށް މީޑިޔާތަކާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.