ހައްދު ފަހަނައެޅި އިޒްރޭލުގުގެ ޔަހޫދީ ސިފައިން ރޭ ޣައްޒާއަށް ބޮން އަޅައި 55 މީހުން ޝަހީދު ކޮށްލި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ރޭ ވަނީ ފަލަސްތީނުގެ ޖެނީންގެ މިސްކިތަކަށް ބޮން އަޅައި އެކަކު ޝަހީދު ކޮށްލައިފިއެވެ. ސަހްޔޫނީ އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ މިސްކިތްތަކަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް އަދި އާންމުން ދިރިއުޅޭ ގެތަކަށް ބޮން އަޅައި ތުއްތު ކުދިންނާއި ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދު ކުރަމުންނެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތަކުގައި މިހާތަނަށް 4،300 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދު ކޮށްލާފައެވެ.

އިޒްރޭލުން މެދުނުކެނޑި ދެހަފްތާއެއްހައި ދުވަސް ވަންދެން ޣައްޒާއަށް ބޮން އަޅަމުން ދިޔުމުގެ ސަބަބުން މިލިޔަނެއްހައި މީހުން ވަނީ ހާލުގައި ޖެހިފައެވެ. ޒަޔަނިސްޓް އިޒްރޭލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓް ކަނޑާލާފައެވެ.

ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއު އެޗްއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސާފު ފެން ޣައްޒާއަށް ނުލިބުމުގެ ކޮލެރާފަދަ ބަލިމަޑުކަމެއް ޣައްޒާގައި ފެތުރި އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދީފައެވެ.