މިސްރުގައި އަލަށް ހަދާ ވެރިރަށް ހަތް އަހަރު ނިމޭއިރު 380 ބިލިއަން މިސްރު ޕައުންޑް ހޭދަވެފައިވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހުއްސީސީ ހާމަ ކުރައްވައިފިއެވެ.

އޭނާ ވިދާޅުވިގޮތުގައި ތަރައްގީގެ ގިނަ މަސައްކަތްތައް ހުއްޓުން އަރަނީ، ނިކަމެތި އިންފަރާސްޓްރަކްޗަރގެ ސަބަބުންނެވެ. އެދެވޭ ފެންވަރަށް މަގުތައް ހެދިފައި ނެތުމާއި އެތަންތަން މަރާމާތު ކުރުމަށް ކުރަން ޖެހޭ ހޭދަތައް ގިނަކަމަށް އޭނާ ވިދާލުވިއެވެ. އެހެންވެ، އެންމެ ރަނގަޅު ގޮތަކީ ކުރީ ޒަމާނުގެ ސިޓީތައް މަރާމާތު ކުރުމަށް މަސައްކަތް ކުރުމަށްވުރެން ބޮޑަށް އައު ސިޓީތައް ބިނާކުރުން ކަމަށް ސީސީ ވިދާޅުވިއެވެ.

މިސްރުގެ އައު ވެރިރަށް ބިނާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އެއިރު މުޅި ޕްރޮޖެކްޓަށް 45 ބިލިއަން ހޭދަ ކުރުމަށް ކަނޑައެޅުނެވެ.

އައު ވެރިރަށުގައި ސަރުކާރުގެ އިމާރާތްތަކަށް ޚައްސަ ބިލްޑިންގތައް ކަނޑައެލޭނެއެވެ. އެއީ ޕާލަމެންޓަށް އިމާރތަކާއި ކެބިނެޓަށް ބިލްޑިންގއަކާއި ވުޒާރާތަކަށް 34 ބިލްޑިންގއެވެ.

އައު ވެރިރަށުގެ ވަޒީފާތަކަށް ގާތްގަނޑަކަށް 60 ހާހެއްހާ މީހުން ވަގުތުން ބަދަލުކުރުމަށްވެސް ހަމަޖެހިފައި ވެއެވެ. މި އައު ސިޓީގައި ހަތް މިލިއަނެއްހާ މީހުން ދިރިއުޅޭނެ ކަމަށް ވެއެވެ.

މިސްރު ސަރުކާރުން ބުނާ ގޮތުގައި މި ހައިޓެކް ވެރިރަށަށް އެމްބަސީތައް ބަދަލުކުރުމަށް ސަރުކާރުތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. މިހާރުވެސް އަރަބި ގައުމުތަކުންނާއި ރަހުމަތްތެރި 30 ގައުމަކުން އެމްބަސީ ބަދަލުކުރުމަށް ނިންމާފައި ވެއެވެ. އަދި އިތުރު 60 ގައުމަކުން ދަނީ ބިންތައް ގަނެ، އެމްބަސީތައް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިސްރުގެ އައު ވެރިރަށަކީ، މިހާރުގެ ވެރިރަށާއި 28 މޭލު ދުރުގައި ހަދާ، އެތައް އިމާރާތެއްގައި އެއް މިލިއަނަށް ވުރެން ގިނަ ގެތައް ހިމެނޭ، 21 ރެސިޑެންޓަލް ޑިސްޓްރިކްޓާއި އެކި ކަންކަމަށް ޚާއްސަ 25 ޑިސްޓްރިކްޓް ހިމެނޭ ސިޓީއެކެވެ. މިތާގައި ދެ މިލިއަނެއްހާ މީހުންނަށް ވަޒީފާގެ ފުރސަތުތައް ހަމަޖެހިފައިވާނެއެވެ.

މިތާގައި 600 އަށް ވުރެން ގިނަ ހަސްފަތާލާއި ދޮޅުހާހެއްހާ މިސްކިތާއި ފައްޅި ހެދުންވެސް ހިމެނެއެވެ. އަދި ދެހަސް ތަޢްލީމީ މުއައްސަސާތަކާއި 40 ހާސް ހޮޓެލް ރޫމް ވެސް ހިމެނެއެވެ.

އިމާރާތުގެ އަމިއްލަ ކުންފުންޏަކުން އިމާރާތް ކުރާ މިސިޓީއަކީ، ސްމާޓް ސިޓީއެކެވެ.