ފަސްޓްލޭޑީ މަރިޔަމް ފަޒްނާ އަހުމަދާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފަތުރާފައިވާތީ އެކަމަނާގެ އަރިހުން މައާފަށް އެދި، މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން)ގެ ފަރާތުން އެކަން އާންމުކޮށް އިއުލާނު ކުރުމަށް ފަސްޓްލޭޑީ ފަޒްނާގެ ޤާނޫނީ ވަކީލު އެދިވަޑައިގެންފި އެވެ.

ފަސްޓްލޭޑީ ފަޒްނާގެ ޤާނޫނީ ވަކީލް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް މިއަދު ފޮނުވި ސިޓީއެއްގައި މިފަދައިން އެދިފައިވަނީ އެމްއެންއެންއިން ފަސްޓްލޭޑީ ފަޒްނާއާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް "ޞުލްޙަވެރި ޙައްލެއްގެ" ގޮތުގައި ހުށަހަޅާނެ ކަންކަން ބަޔާންކުރަން އަންގަވާފައިވާތީ އެވެ.

އެގޮތުން ސިޓީގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން 10 ޖަނަވަރީ 2021 ގައި، އެމްއެމްސީގައި އޮތް ބައްދަލުވުމުގައި، މޯލްޑިވްސް މީޑިއާކައުންސިލުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) އާ، އެމް.އެން.އެން އިން ޚިލާފުވެފައިވާކަން، އެމްއެމްސީގެ ޤާނޫނީ ވަކީލު ފާހަގަކޮށްފައި ވާ ކަމަށެވެ. އެ މާއްދާގައި ވަނީ "(ހ) ކަނޑައެޅިގެން ދޮގުކަން އެނގޭ ނުވަތަ އެއީ ދޮގަކަށް ވެދާނެކަމަށް ބެލެވޭ މަޢުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތަކުން ޝާއިޢުކޮށްގެން ނުވާނެ" ކަމަށާއި "(ށ) މީޑިއާއަށް ލިބޭ މަޢުލޫމާތެއް އެއީ ތެދުތޯ ބެލުމަށް ފުރުސަތުއޮވެ، އެކަން ނުބަލައި އެ މަޢުލޫމާތެއް ޝާއިޢުކޮށްގެން ނުވާނެ" ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ މި މައްސަލައިގެ އެމްއެންއެންއިން 22 އޮކްޓޯބަރ 2020 ގެ އާޓިކަލް ޝާއިޢުކުރިފަހުން، ފުޓް ނޯޓެއްގައި ކަންކަން އިޞްލާޙް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޒްނާ އަހްމަދާ މެދު ލިޔެފައިވާ ވާހަކަތައް މުސްތަޤިއްލު ގޮތެއްގައި ވެރިފައިކޮށްފައި ނުވާނެކަމަށް އެފުޓްނޯޓުގައި ބަޔާންކޮށްފައި ވާކަމަށެވެ. އެހެންނަމަވެސް އާޓިކަލްގެ މުވާލާތް ކެނޑުނުފަހުން ފުޓްނޯޓެއްގައި އެއީ ތެދަށް ނުވެދާނެކަން ބަޔާންކޮށްގެން ނުފުދޭކަމަށްވެސް މެޑަމް ފަޒްނާގެ ވަކީލް ވިދާޅުވި އެވެ.

މެޑަމް ފަޒްނާގެ ފަރާތުން އެމްއެމްސީއަށް މި މައްސަލައިގައި ފޮނުވި ސިޓީގައި އެދިފައިވަނީ އެމްއެންއެން ގައި މެޑަމް ފަޒްނާއާއި ގުޅޭގޮތުން ދޮގުވާހަކަތައް ބަޔާންކޮށް ލިޔެފައިވާ އާޓިކަލްގައިވާ މަރްޔަމް ފަޒްނާ އަހްމަދުގެ ފޮޓޯއާއި އެ ކަމަނާއާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ އެންމެހާ ނައްޞުތައް އާޓިކަލް އިން އުނިކުރުމަށެވެ. އަދި އެމްއެންއެން އިން ފަސްޓްލޭޑީ ފަޒްނާގެ އަރިހުން މާފަށް އެދި އެކަން އާންމުކޮށް އިއުލާނުކުރުމަށް ވެސް އެދިފައިވެ އެވެ.