ތިން ދަރިވަރުންނާއެކު ވ ރަކީދޫ ސްކޫލުގައި ސެޓެލައިޓް ސްކޫލުގެ ނިޒާމުން ކިޔަވައިދެން މިއަދު ފަށައިފިއެވެ.

ވ. ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފެށިފައިވާކަން ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނީ ވިދާޅުވީ އެ ސްކޫލްގެ ކިޔެވުން ފެށުނީ 3 ދަރިވަރުންނާ އެކުގައި ކަމަށެވެ. ރަކީދޫގައި މި ނިޒާމުން ކިޔަވައިދޭން ފަށާފައިވަނީ ސަރުކާރުން އަލަށް ތަރައްގީ ކުރި ސްކޫލު އިމާރާތުގައި އެވެ.

އެސްކޫލުގެ ކިޔެވުން ފެށިފައި މިވަނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުން އެރަށުގައި ދިރިއުޅެމުންދާ ހަތަރު ކުދިން ބާކީވެފައިވާ މައްސަލައެއް މިމަހުގެ ކުރީ ކޮޅު ފެންމަތިވެފައި ވަނި ކޮށެވެ. އެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.

ސެޓެލައިޓް ޕްރޮގްރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. ސެޓަލައިޓު ސްކޫލު ހުޅުވުމުގެ މަޝްރޫއު އިއުލާން ކުރީ 2021 ވަނަ އަހަރެވެ.

ރާއްޖޭގެ 6 ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ވަނީ ގާއިމްކޮށްފައެވެ. އެއީ

  1. ބ. ފެހެންދޫ
  2. ބ. ފުޅަދޫ
  3. ގއ. ކޮނޑޭ
  4. އދ. ދިއްދޫ
  5. ވ. ތިނަދޫ
  6. ވ. ރަކީދޫ

މިއަދު ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، މިހާރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

މީގެ 15 އަހަރު ކުރިން، 2008 ގައި ރަކީދޫގައި އެންމެ ފަހުން ކިޔަވައިދިނުން މެދުކަނޑާލި އިރު، ކިޔަވާ ކުދިންގެ ގޮތުގައި ތިބީ ފަނަރަ ވަރަކަށް ކުދިންނެވެ.