ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ކުއްލި ހަމަލާ ކުށްވެރިކޮށް، ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޝަހީދު އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާ ވީޑިއޯއަކަށް ދިވެހީންގެ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، (އެ ވީޑިއޯ ޕޯސްޓު ކުރި) އެކްސް.ކޮމް އެކައުންޓުން އެ ވީޑިޔޯ ޑިލީޓްކޮށްފިއެވެ.

ރާއްޖޭގެ ނޫސްތަކުގައާއި އާންމުންގެ ގިނަބައެއްގެވެސް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޑރ. ޝަހީދު މިހާރު ވަނީ ބޭނުން ކުރަމުން އައި އެކްސް.ކޮމް އެކައުންޓު ބޭނުން ނުކުރެވޭ ގޮތްވެސް ހަދާފައެވެ. މިއީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާ ކުށްވެރިކޮށް، އަދި އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާ ވީޑިއޯއެކެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އެގައުމުގެ 1،400 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާ ކުއްވެރިކޮށް ޑރ. ޝަހީދު ވާހަކަ ދައްކަވާ ވީޑިއޯ އެންމެ ފުރަތަމަ ޕޯސްޓު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު، CombatASemitism@ ނަމަކަށް ކިޔާ އެކްސް ހޭންޑްލްއަކުންނެވެ. މި އެކައުންޓުގެ ޕްރޮފައިލްގައި ވާގޮތުން އެ އެކައުންޓަކީ ޔަހޫދީންނާ ދެކޮޅު ނަފްރަތު އުފެއްދުމާއި ދެކޮޅަށް ހަނގުރާމަ ކުރާ (ދެކޮޅަށް މަސައްކަތްކުރާ) އެކައުންޓެކެވެ. އެކައުންޓުގެ ނަމަކަށް ލިޔެފައި އިންނަނީ "ކޮމްބެޓް އެންޓިސެމިޓިޒްމް މޫވްމަންޓް" އެވެ.

އިޒްރޭލަށް ތައުރީފުކޮށް އަދި ޔަހޫދީންނާއި ދެކޮޅު ޝުއޫރު ފާޅުކުރާ ފަރާތްތައް ކުށްވެރިކޮށް ޑރ. ޝަހީދު ވާހަކަ ދައްކަވާ ވީޑިއޯ އެކްސް ޕޯސްޓުކޮށް، ޔަހޫދީންގެ ދިފާއުގައި ޑރ. ޝަހީދު އަޑު އުފެއްލެވީތީ އެ އެކައުންޓުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ވީޑިއޯގައި ޑރ. ޝަހީދު ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މިވީ ހަ ވަރަކަށް އަހަރު އޭނާ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

މި ވީޑިއޯގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވެފައިވަނީ، އިޒްރޭލުގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާނެ ހާލަތު، އަދި ވަކީން ހާއްސަކޮށް ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ތަހައްމަލް ކުރައްމުންދާ ކެކުކުޅުންތައް އޭނާއަށް ހިޔާލަށްވެސް ނުގެނެވޭ ކަމަށެވެ. ޔަހޫދީންގެ ތެރެއިން މުޅި އާއިލާ އެއްކޮށް ގެއްލުނު ފަރާތްތަކަށް ބަލާއިރު ހާހަކަށްވުރެ ގިނަ ކަމަށެވެ. އަދި އެއީ ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިއެވެ.

އަދި ހަމާސްގެ މި ހަމަލާތައް ދުނިޔޭގެ ވެރިން ކުށްވެރި ކުރި ފަދައިން އޭނާވެސް މިހަމަލާތައް ކުށްވެރި ކުރާ ކަމަށް އެވީޑިޔޯގައި ޑރ ޝަހީދު ވަނީ ހާމަކުރައްވާފައެވެ. މި ހަމަލާތަކަކީ ނަފްރަތާއި، މި ފަދަ އަނިޔާވެރިކަން އައުން އެކަށީގެން ވަނީ ހަމައެކަނި ޔަހޫދީންނާ ދެކޮޅަށް އޮތް ވަރުގަދަ ނަފުރަތާއި ތަފާތުކުރުންތަކުގެ ސަބަބުން ކަމަށްވެސް އެވީޑިޔޯފައި ޝަހީދު ވަނީ ވިދާޅުވެފައެވެ.

"މިފަދަ ޖަރީމާއެއް އަމާޒުވި ހަމައެކަނި ސަބަބަކީ ޔަހޫދީންނާމެދު އޮތް ނަފްރަތުގެ ސަބަބުން. "އެންޓިސެމިޓިޒަމް" (ޔަހޫދީންނާއި ދެކޮޅު ގެންގުޅޭ ނަސްލީ އިމްތިޔާޒު)އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައާއި، އަދި ހުރިހާ ބާވަތެއްގެ ނަފްރަތު އުފެއްދުމާއި ދެކޮޅަށް އަހަރެންގެ މަސައްކަތުގެ ވަރަށް ގިނަ ވަގުތު ހޭދަން ކުރަންޖެހުނު ސަބަބަކީވެސް މިއީ. ރަހީނުކޮށްފައިވާ ހުރިހާ އެންމެންގެ ސަލާމަަތަށްވެސް އަހަރެން ދުއާކުރަން، އަދި އެއްވެސް ޝަރުތެއްނެތި އެއެންމެން ދޫކޮށްލުމަށް ގޮވާލަން،" ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެދުމާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ފާހަގަ ކުރައްވަމުން އެ ވީޑިއޯގައި ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.

(އެ ވީޑިޔޯ ޑިލީޓްކޮށް އެ އެކައުންޓް ޑީއެކްޓިވޭޓްކޮށްފައިވިޔަސް އެހެން ފަރާތްތަކުން އެ ވީޑިޔޯތައް އަމިއްލަ އެކައުންޓުތަކުގައި ޝެއާކުރަމުން އެބަދެއެވެ.)

ޔަހޫދީންގެ ހިމާޔަތުގައި ވަކާލާތު ކުރާ އެކްސް.ކޮމް ހޭންޑްލްއިން އެންމެ ފުރަތަމަ ޕޯސްޓުކުރި ވީޑިއޯގައި ޑރ. ޝަހީދަށް ފާޑުކިއުން އަމާޒުވެގެން ދިޔައީ، އޮކްޓޯބަރ 7 ގެ ހަމަލާއަށްފަހު އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރިމާތަކުގެ އެއްވެސް ވާހަކައެއް ވީޑިއޯގައި ފާހަގަކޮށްފައި ނެތުމުގެ އިތުރަށް ފަލަސްތީނުގެ ނަންވެސް މި ވީޑިއޯގައި ގެނެސްފައި ނުވާ ކަމަށް ބުނެއެެވ.

ވިޑިއޯއާއި ގުޅިގެން ފާޑުކިއުން އަމާޒުވުމުން ވީޑިއޯ ޓުވީޓުކުރި އެކައުންޓުން މިހާރުވަނީ ވީޑިއޯ ޑިލީޓް ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ވީޑިއޯއާއި ގުޅޭގޮތުން ޑރ. ޝަހީދަށް ފާޑުކިޔަމުންދާ ބައެއް ފަރާތްތައް ޑރ ޝަހީދު ވަނީ ބުލޮކްވެސް ކުރައްވާފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އޮކްޓޯބަރ 7 ވަނަދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ދަނީ ފަލަސްތީނުގެ ގާޒާއަށް ބޮމުގެ ހަމަލާދީ، އެސިޓީއަށް ފެނާއި، ކާނާއާއި ބޭސް އަދި ތެޔޮ އެތެރެކުރުން ވެސް ހުއްޓުވާ، އިންސާނިއްޔަތާ ހިލާފް އެތައް ޖަރީމާއެއް ހިންގަމުންނެވެ.