ހދ. މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

މި މަސައްކަތް މެދުކަނޑާލީ މަކުނުދޫގައި ވެލްޑިން ކުރާ ސިލިންޑަރެއް ގޮވައި ބިން ހިއްކުމުގެ އަމަލީ މަސައްކަތުގައި އުޅުނު ދެމީހުން މަރުވުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައި ވެލްޑިން ކުރާ އާގަން ގޭސް އަޅާފައިހުރި ސިލިންޑަރު ގޮވިލެއް ބާރުގަދަކަމުން ދެމީހުންގެ ހަށިގަނޑުގެ އެކިބައިބައި ވަނީ ވަކިވެގެން ބުރައިގެން ގޮސްފައެވެ. ހާދިސާގައި މަރުވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގައި މަސައްކަތްކުރާ އިންޑިޔާގެ ދެ މުވައްޒަފުންނެވެ.

މި ހާދިސާއާ ގުޅިގެން އެރަށު ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު، ބިގް ފިޝް ކުންފުނިން މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި މި ހިތާމަވެރި ހާދިސާއާ ގުޅިގެން މަސައްކަތް މެދުކަނޑާލާފައި ވާކަމަށާއި، ޢަމަލީ މަސައްކަތް ފެށޭނީ އެކުގައި މަސައްކަތް ކުރާ މުވައްޒަފުން ހަމައަކަށް އެޅުމުންކަމަށެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫޢެކެވެ.