ފަލަސްތީނުގެ ސަބަބުން އިޒްރޭލުގެ ސަރުކާރު ވެއްޓޭނެ ކަމަށް އިރާންގެ އާރމީ ޗީފް، އަބްދުއްރަހީމް މޫސާވީ ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މޫސާވީ މިހެން ވިދާޅުވެފައިވަނީ އިރާން ޑިފެންސް އެކަޑެމީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުލްރަހީމް މޫސާވީ ވިދާޅުވީ، ހަމާސްއިން އިޒްރޭލަށް ދެމުން ގެންދާ ހަމަލާތަކުގައި އިރާނުގެ އަތެއްވާ ކަމުގެ ތުހުމަތު އީރާނު ބޮލުގައި އަޅުވަން އިޒްރޭލު ސަރުކާރުން މަސައްލަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އިޒްރޭލާއި އެމެރިކާއިން މިހާރުވަނީ ހަމާސް އިން ދެމުން ގެންދާ ހަމަލާތަކުގައި އިރާންގެ އަތެއް ނުވާކަން ގަބޫލުކޮށްފައެވެ.

'ހަމަ ޔަގީނުންވެސް ޒަޔަނިސްޓުންނާއި އެމީހުންގެ ވެރިންނަށްވެސް އެނގޭ މި މައްސަލައަކީ އީރާނާ ގުޅުމެއް ނެތް މައްސަލައެއްކަން،' ކޮމާންޑަރު ވިދާޅުވި އެވެ.

ހަމާސްއިން އިޒްލޭލަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި އިޒްރޭލަށް ލިބުނު ގެއްލުން އެމީހުންނަށް "ހަޖަމް" ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާލުވިއެވެ. މޭޖަރ ޖެނެރަލް މޫސާވީ ވިދާޅުވީ ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރިގެން ތިބި ޔަހޫދީންނަށް މިހާރު އިހުސާސް ކުރެވެނީ “އެމީހުންގެ ޝަރަފު” ދުނިޔޭގައި ވަރަށް ބޮޑަށް ކިލަނބުވެފައިވާކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުގެ 2112 ސިފައިން ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި ހައި ރޭންކުގެ އަސްކަރީ އޮފިސަރުން ވެސް ހިމެނެއެވެ.