ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ނުބާއްވާ ނިންމާލައިފިއެވެ.

މިއަދު ރިޔާސަތުގައި އިންނެވި އެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް މަސައްކަތްކޮށް މެންބަރުން ހަމަނުވުމުން، ކޯރަމް ބެލް ޖެހުމަށް ފަހުވެސް ގާ ނޫނީ އަދަދު ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

މީގެއިތުރުން މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރުން މި ފަހަކަށް އައިސް މަޖިލީހަށް ހާޒިރުވުމަށް ފަހު ތަޅުމަށް ނުވަދެ ކުޑަދަށުގައި ތިއްބަވާކަމުގެ ކަންބޮޑުވުން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ

މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެނީ މަދުވެގެން 22 މެންބަރުން މަޖިލިސް ތަޅުމުގައި ހާޒިރުވެ ތިބެގެންނެވެ.

މިއަދުގެ ޖަލްސާއަށް އޮތީ މި އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށްވެސް އެޖެންޑާ ކޮށްފައެވެ. އަދި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް އެޖެންޑާ ކޮށްފައިވާ އިރު ވޯޓަށް އެހުމަށް ވެސް ގިނަ ކަންތައްތަކެއް ވަނީ އެޖެންޑޭ ކޮށްފައިވެއެވެ.