ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް މިހެން ވިދާޅުވީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އެޅުމަށްފަހު ނައްތާލަމުންދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު އޭސީސީއާއި ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ހުއްޓި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވެސް ސަމާލުކަމަށް އައިސްފައިވާ މި މައްސަލައަށް އިޝާރަތްކޮށް ގަސަމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލުމާއި ގުޅިގެން އޭނާ ކޮށްފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވަން ކޮށްފައިވާ ކަމެއް ކަމަށް މީހުންގެ ސިކުނޑިތަކަށް ވައްދަން މީސްމީޑިއާ މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ބަޔަކު ކުރަމުންދާ ފިނޑި އަމަލުތަކާއި ގުޅިގެން ޔަޤީން ކަމާއެކު އެއްޗެއް ދަންނަވާ ކަމަށެވެ.
މީގެއިތުރުން ހަލާލު މަސައްކަތަކުން ނޫނީ ލިބިފައިވާ އެއްޗަކުން އަނބިދަރިންނަށް ކާން ނުދޭ ކަމަށާއި އަދި އޭނާ ހުރީ މައިންބަފައިން ދެއްވި ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށްވެސް ގަސަމް ވަނީ ވިދާޅުވެފައެވެ.
އަދި އެ ކުންފުނީގައި ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައި ވަނީ ކުންފުނީގެ ކުރިއެރުމަށް ކަމަށާއި ފޮރުވަންޖެހޭ އޭނާ އަށް ނާޖާއިޒު މަންފާ އެއް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ސޯޝަލް މީޑިއާގައި މި މަހުގެ 22 ވަނަ ދުވަހު އާންމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމާއެކު މި މައްސަލާގައި އެފްއެސްއެމްއިން ބުނީ ނައްތައިލީ ގިނަ ދުވަސްތަކެއް ވަންދެން ގުދަންކޮށްފައި ހުރި މިހާރު ބޭނުން ނުހިފޭ ލިޔުންތަކެއް ކަމަށެވެ.