ހަތްއަހަރު ކުރީގެ ހަށިވިއްކި ކަމުގެ ދައުވާ އުފުލުނު ދެ ދިވެއްސަކަށް ދައުވާ ސާބިތުވެ، ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ / ސްޕަންޖްގެ؛ މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ / ގުލިސްތާނުގެ؛ އާއިޝަތު ރިޒްނާގެ މައްޗަށެވެ.

ހަތްއަހަރު ކުރިން ހިނގި މި މައްސަލައިގެ ޕޮލިސް ތަހްގީގަށް ފަހު މި ދެމީހުން ބަންދުން ދޫކޮށްލީއެވެ. އަދި އެހެން މައްސަލައެއްގެ ޖަލު ހުކުމެއްގައި އާއިޝަތު ރިޒްނާ މާފުށީ ޖަލުގައި ހުރިއިރު މިމައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް މަރިޔަމް އަޝްފާ ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުން މިމައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިޔައީއެވެ. އެފަހަރު ވެސް އަޝްފާ ހޯދަން ފުލުހުން އޭނާގެ ފޮޓޯ އެކި މީޑިޔާތަކުގައި ހިއްސާކުރިއެވެ.

އޭގެ ފަހުން މިދިޔަ ހަފްތާތެރޭގައި އަނެއްކާވެސް މިދެ މީޙުން ކޯޓުއަމުރަކަށް ފުލުހުން ހޯދާ ވާހަކަ މީޑިޔާތަކުގައި ފޮޓޯއާއެކު ހިއްސާކުރިއެވެ. އަދި މިދެމީހުން ވަނީ ޝަރީއަތަށް ހާޒިރުކޮށް ކުށް ސާބިތުވީއެވެ.

އެދެމީހުންގެ މައްޗަށް ކުށް ސާބިތުވީ އެ ދެމީހުން ވެސް ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށްފައި ވަނިކޮށް ކަމަށާއި ޖަލު ހުކުމް އިއްވަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތުގެ ދަށުން އެ ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް އެކޯޓުން ބުނެއެވެ.

މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް، ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.