6 މެއި 2021 ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ފުރާނަ ސަލާމަތްވެ ހެޔޮ ހާލުގައި މިއަދު ހުންނެވުމުގެ ނަސީބު ލިބިވަޑައިގެންފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ލިބޭނެ ގޮތް މާތްﷲ މިންވަރުކުރެއްވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލުން އެ މަނިކުފާނަށް ދެއްވި، ފުރިހަމަ ފަރުވާގެ ހަނދާންތައް އާކުރައްވައި އެ ހޮސްޕިޓަލަށް އަނެއްކާވެސް ޝުކުރު އަދާކުރައްވާފައެވެ. މީގެ ކުރިންވެސް ވަނީ ނަޝީދު ވަނީ ހަމަލާއާ ގުޅިގެން އޭޑީކޭއިން އެމަނިކުފާނަށް ދެއްވި އަވަސް ފަރުވާއަށްޓަކައި އެ ހޮސްޕިޓަލުގެ މެނޭޖުމެންޓަށާއި މުވައްޒަފުންނާއި އެ މަނިކުފާނަށް ފަރުވާ ދެއްވި ޓީމަށް ޝުކުރު އަދާކުރައްވައިފައެވެ.

ނަޝީދު މިހެން ވިދާޅުވީ އޭޑީކޭ އިން ކޮންމެ އަހަރަކު ބާއްވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް"ގެ މި އަހަރުގެ އެޑިޝަން ފެށުމަށް ވިލާ ނޯޓިކާގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދު ވިދާޅުވީ، އެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ގަދަވެ ސަލާމަތުން އެމަނިކުފާނަށް ވަޑައިގެންނެވުނީ އޭޑީކޭގެ ސަބަބުން ކަމަށެވެ.

"މިއަދު އަޅުގަނޑަށް ގަދަވެ ސަލާމަތުން މިތާ ހުރެވެނީ ހަމަލާއަށް ފަހު ފަރުވާ ހޯދުމަށް އޭޑީކޭއަށް ގެންދަން މާތް ﷲ މެދުވެރިކުރެއްވުމުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އޭޑީކޭއަށް ގެންދިއުމުން ޑރ. އަލީ ނިޔާފު ލީޑު ކުރައްވި ޓީމުން އެ މަނިކުފާނު ފުރާނަފުޅު އެތައް ފަހަރު ސަލާމަތް ކުރެއްވި ކަމަށާއި ހަށިގަނޑުގެ އެތައް މިތަނުން ރޭޒަރު ފުށްތައް ނެގުމަށް އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ.

ހަމަލާގެ ސަބަބުން ބޮލާއި އުނަގަނޑު އަދި ޖުމްލަކޮށް މުޅި ހަށިގަނޑުގެ ތެރެއަށް ވަތް އެތިކޮޅުތައް ނެގިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑަކީ ބްރެއިން އެންޑް ސްޕައިން ސާޖަރީގެ ތެރެއަށް އެންމެ ބޮޑަށް ވަދެވިފައި ހުރި މީހާއަށް ވުމަކީ ގާތްކަމެއް،" ކަމަށެވެ.

ނަޝީދު އޭޑީކޭއަށް ގެންދިއުމުން ޑރ. އަލީ ނިޔާފު ލީޑު ކުރައްވި ޓީމުން އެ މަނިކުފާނު ފުރާނަފުޅު އެތައް ފަހަރު ސަލާމަތް ކުރެއްވި ކަމަށާއި ހަށިގަނޑުގެ އެތައް މިތަނުން ރޭޒަރު ފުށްތައް ނެގުމަށް އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅު ތެރެއަށް އެތިކޮޅުތައް ގޮސް، ގޮހޮރު ފޫއަޅައިގެންދިޔަ ކަމަށް އޭޑީކޭއިން ކުރިން ބުނެފައިވެއެވެ.

ނަޝީދުގެ އިސްތަށިފުޅަށް ވެސް ދަގަނޑުކޮޅެއް އެތެރެއަށް ވަދެފައި އިނެވެ. އެއީ ވައަތްފަރާތު ކަންފަތާ ދިމާލު މަތިންނެވެ. އެކަމަކު ނަސީބު ރަނގަޅުކަމުން ބޮލުގެ ނުވަތަ ސިކުނޑިއަށް އޭގެ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި މާބޮޑު އުނދަގުލަކާ ނުލައި އެ ދަގަނޑުކޮޅު ނެގުނެވެ. އޭޑީކޭ ހޮސްޕިޓަލްގައި ދިން ފަރުވާތަކަށް ފަހު ތެރަޕީއަށް އެ މަނިކުފާނު ވަޑައިގަތީ ޖަރުމަނަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭޑީކޭއިން ވަނީ، ނަޝީދު ހޮސްޕިޓަލްގައި ތުރުކުރެއްވި ހެދުންކޮޅު، ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އެ މަނިކުފާނަށް އަރުވައިފަ އެވެ.