މަމްސް ޖަމިއްޔާ އިން އިސްނަގައިގެން،ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ބޭއްވި ފަންޑް ރައިޒިން ހަރަކާތަށް ލިބުނު 95،000 އަށް ވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހަދިޔާކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އޭއައިސީ) އަށް ޙަވާލުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ޢާންމުގެ އެކި މީހުންގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެތި ވަނީ ޖަމްބަލް ސޭލްގައި ވިއްކާފައެވެ. އޭގެ ތެރޭގައި ހެދުމާއި، ފޮތާއި، ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކުޑަކުދިން ކުޅިވަރު ކުޅުމަށް ޚާއްސަކޮށް ފޭސް ޕެއިންޓިންނާއި ހީނާފަތް އެޅުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ބޭއްވި މި ހަރަކާތުގައި މެންދުރުފަހު 2:00 ން ހަވީރު 6:00 އާ ދެމެދު 98،333.37 ރުފިޔާ އަދި 213 ޔޫއެސް ޑޮލަރު ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެއިޑް ހަރަކާތުން ލިބިފައިވާ ހުރިހާ ފައިސާއެއް އިންޓަނޭޝަނަލް އެއިޑް ކެންޕެއިންއަށް ޙަވާލުކުރެވިފައިވާކަމަށްވެސް މަމްސް ޖަމިއްޔާއިން މަޢުލޫމާތުދީފައިވެއެވެ.

މަމްސް ޖަމިއްޔާއިން ބޭއްވި މި ހަރަކާތުގެ ހޯސްޓިންގ ޕާޓްނާރ އަކީ އާބަންކޯއެވެ.

މަމްސްއިން މާދަމާވެސް މިފަދަ ފަންޑު ރެއިސް ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.