ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ، ގާނޫނާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ 20 ބޯޓެއްގެ މައްސަލަ ބަލައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ރޭ ބުނެފި އެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޭރުގެ މަސް ބޯޓުތައް ވަދެ، ވަގަށް މަސްވެރިކަން ކުރާ މައްސަލަ ފެންމަތިވެއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ އެ ފަދަ 20 މަސް ބޯޓެއްގެ މައްސަލަ ބަލައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދަކުން ކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއް ބުނީ އެންމެ ފަހުން މިދިޔަ މަހު 18ގައި ކޯސްޓްގާޑުން ސްރީ ލަންކާގެ ފަސް މަސް ބޯޓެއް ހިފެހެއްޓި ކަމަށާއި އެ މައްސަލަ ވެސް ބަލައި ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަންނަ ބޭރުގެ މަސް ބޯޓުތަކުގެ މައުލޫމާތު އާއްމު ގޮތެއްގައި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރަނީ މަހަށް ނުކުމެ އުޅޭ ދިވެހި މަސްދޯނިތަކުންނެވެ. އަދި ރިޕޯޓާ ގުޅިގެން ކޯސްޓްގާޑުގެ އުޅަނދުތައް އެ ބޯޓެއް ހޯދައި، ހިފަހައްޓަ އެވެ.