ޔުކްރެއިންގައި އެމެރިކާއާއި ހުޅަނގުން ހިންގަމުން ގެންދާ ކުލީ ހަނގުރާމަ 3 ވަނަ ބޮޑު ހަނގުރާމައަކަށް ބަދަލު ކުރުމަށް މަސައްކަތް ނުކުރުމަށް ރަޝިޔާގެ ރައީސް ޕޫޓިން ހުޅަނގާއި އެމެރިކާއަށް ގޮވާލައްވައިފިއެވެ. މީގެ ކުރިން ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަވެސް ފެށީ ހަމަނުޖެހުމާއި ފަސާދައިގެން ދިގު މާޒީއެއް އޮތް، ހުޅަނގުންނެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބުރާސްފަތި ދުވަހު އިންޒާރު ދެއްވީ ހުޅަނގުން ޔޫކްރޭނަށް ނިއުކްލިއާ ހަތިޔާރު ދީފިނަމަ، ރަޝިޔާއަށް ލިބިގެންވާ ހުރިހައި ބާރަކާއި ހުރިހައި ހަތިޔާރަކާއެކު ރަޝިޔާއިން ރައްދު ދޭނެ ކަމަށެވެ.

ޔޫރަޕުގެ ގުދުރަތީ ބައްރަކީ ރަޝިޔާއާ އެއްކޮށްލައިގެން ހިމެނޭ ބައްރެވެ. ނަމަވެސް ރަޝިޔާ އެކަހެރިކޮށްލައި އެމެރިކާއަށް ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކުން ބޭނުން ވަނީ ރަޝިޔާ ބަލިކޮށްލައި ވަށާލާފައި ބާއްވާށެވެ. ޕޫޓިން ވަނީ ހުޅަނގާއި އެމެރިކާގެ ގޮނޑިކޮއްކޮއަކަށް ރަޝިޔާ ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރަޝިޔާގެ ސަރަހައްދަށާއި ރަޝިޔާ ދެމި އޮތުމަށް އެއްވެސް ބާވަތެއްގެ ނުރައްކަލެއް ކުރިމަތި ކުރާނަމަ އެފަރާތެއް ނައްތާލުމަށް ރަޝިޔާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޔުކްރެއިންގެ ކުލީ ހަނގުރާމައަކީވެސް ޔޫރަޕާއި އެމެރިކާއިން ހަތިޔާރު ދީގެން ރަޝިޔާއަށް ތުރާ ކުރުމަށް ފެށި މަސައްކަތެކެވެ. މިހާރު ޔުކްރެއިންގެ 40 އިންސައްތަ ވަނީ ރަޝިޔާގެ އަތް ދަށުގައެވެ. އަދި ރަޝިޔާއިން ބޭނުން ނަމަ ކިޔޭވް ތަޅައި ސުންނާފަތިކޮށްލުމަކީ ރަޝިޔާއަށް ކުރެވިދާނެ ކަމެކެވެ.

ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވަނީ ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ފާޅުވިޔަ ނުދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"މި ހާލަތުގައި، ޔޫކްރޭނަށް ނިއުކްލިއާ ހަތިޔާރު ލިބެނީ ހުޅަނގުން، އަޅުގަނޑުމެން ހުރިހާ ވަސީލަތެއް ބޭނުންކުރާނަން އެކަން ހުއްޓުވުމަށް. އަޅުގަނޑުމެން މިކަމަށް ފުރުސަތެއް ނުދޭނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާ އަދި ޔޫރަޕްގެ ބައެއް އޮފިޝަލުން ވަނީ ޔޫކްރޭނަށް ނިއުކްލިއަރ ހަތިޔާރު ފޯރުކޮށްދިނުމަށް ވަކާލާތުކޮށްފައެވެ. އަދި އެމެރިކާގެ މީޑިއާއިން އެކަން ރިޕޯޓު ކުރަމުން ދެއެވެ.

ޕޫޓިން ވިދާޅުވާފަދައިން ޔޫރަޕުން ނަސީބު ވަޒަން ކުރަން އުޅެފިނަމަ އެ ބައްރުގައި ދިގު ދެމިގެންވާ ޒަމާނަކަށް އިންސާނަކަށް ދިރިއެއް ނޫޅެވޭނެއެވެ.