ރާއްޖޭގައި ދާދި ފަހުން ޑީޕްފޭކްއާ ބެހޭ ގޮތުން ފެނިގެން ދިޔަ ބަޔާނަކީ، މީސްމީޑިއާގައި ދައުރު ވަމުން ދިޔަ ވީޑިއޯއަކާ ބެހޭ ގޮތުން ވުނަދަންކާރު ގާސިމް އިބްރާހީމު ދެއްވި ބަޔާނެކެވެ. އޭގެ ކުރިންވެސް ޑީޕްފޭކްގެ ވާހަކަ ރާއްޖޭގައި ދެކެވިފައި ވެއެވެ. ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއަކާ ގުޅިގެން އެއީވެސް ޑީޕްފޭކެއް ކަމަށް ބުނެ ހެއްޖެވެ!
އަދި ޑީޕްފޭކާ ބެހޭ ގޮތުން ދާދިފަހުން އޮސްޓްރޭލިއާގައި އޮތް ކޮމަންވެލްތުގެ ޕާލަމެންޓްރީ އެސޯސިއޭޝަންގެ ޖަލްސާގައިވެސް ރާއްޖެއިން ވާހަކަ ދައްކައި ކަރުދާސް ހުށަހަޅާފައި ވެއެވެ.
މިހާރު ޗައިނާ އިން ވަނީ ޑީޕްފޭކްއާ ބެހޭ ގޮތުން ގައުމީ ފެންވަރުގައި އިންޒާރެއް ނެރެފައެވެ. ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ވަނީ ޤައުމީ ސަލާމަތަށާއި ފަރުދީ ސަލާމަތަށް ނުރައްކާވާ ގޮތަށް ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭރުގެ ޖާސޫސުން ރައްޔިތުންނަށް އޮޅުވާލަން އުޅޭނެ ކަމުގެ އިންޒާރު ދީފައެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ނެރުނު ބަޔާނެއްގައި ވަނީ "ކޮގްނިޓިވް ވޯފެއާ" ގެ ވަސީލަތެއްގެ ގޮތުގައި ޑީޕްފޭކް ބޭނުން ކޮށްފާނެ ކަމަށް ބުނެފައެވެ.
މަސްނޫއީ ސިކުނޑީގެ އޭއައި ނުވަތަ މަބް އިން ބާރު ލިބިގެން އުފައްދާ މަޖާޒީ މީހުންނާއި މަންޒަރުތަކުގެ ޑީޕްފޭކް ޓެކްނޮލޮޖީގެ ސަބަބުން ހަގީގަތާ އެއްވައްތަރު މަންޒަރުތަކާއި އަޑުތަކާއި ވީޑިއޯތައް ފަސޭހަކަމާއެކު މިހާރު އުފެއްދެއެވެ.
މިފަދަ އެޕްލިކޭޝަންތަކަކީ ސައްޙަ އެޕްލިކޭޝަންތަކެއް ކަމުގައިވިނަމަވެސް، ޖާސޫސީ އިދާރާތަކުން ޖާސޫސީ މައުލޫމާތު އެއްކުރުމަށް މީހުންނަށް އޮޅުވާލަން އެފަދަ ތަކެތި ބޭނުން ކުރަން އުޅެދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ ވަސީލަތްތައް ބޭނުންކޮށްގެން މީހުން ދަލުޖައްސައި، ބަޣާވާތް ކުރުމަށާއި މަސްއޫލުވެރިންގެ އަބުރު ކަތިލުމަށާއި، މުޖުތަމައު ފަސާދަ ކުރުމަށް ދޮގު މައުލޫމާތު ފެތުރުމަށް އުޅެދާނެ ކަމަށްވެސް އިންޒާރުދީފައި ވެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ވަނީ ރައްޔިތުންނަށާއި އަދި ވަކިން ޚާއްސަކޮށް ދައުލަތުގެ ޙައްސާސް މަގާމުތަކުގައި ތިބޭ މީހުންނަށް އެމީހުންގެ ޕްރައިވެސީ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި އެފަދަ އެޕްލިކޭޝަންތަކަށް ޒާތީ ނޫނީ ސިއްރު މައުލޫމާތު ނުލުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި ޝައްކު ކުރެވޭ ކޮންޓެންޓް ދެނެގަތުމުގައި ފަރުވާތެރިވުމަށް ވެސް ގޮވާލާފައެވެ.
ޑީޕްފޭކް ޓެކްނޮލޮޖީ ކުރިއަރަމުން ދިޔަ ވަރަކަށް، ބޭރުގެ ފަރާތްތައް އެފަދަ ވަސީލަތްތައް ނުބައިކޮށް ބޭނުންކުރާނެ ކަމަށާއި ސައިބަރ ސެކިއުރިޓީއަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކީ ގޮން ޖެހުން ބޮޑު މަސައްކަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.