މެދުއިރުމަތީގައި ހުރި އެމެރިކާ ބޭސްތަކަށް ޑްރޯން ހަމަލާ ދިނީ އިރާނުން ވާގިވެރިޔާ ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށް ނިންމައި، ސީރިޔާގައި ޤާއިމްކޮށްފައިވާ އިރާނުގެ އަސްކަރީ އަމާޒުތަކަށް އެމެރިކާއިން ރޭ ވައިގެ މަގުން ހަމަލާ ދީފިއެވެ.
އިރާގާއި ސީރިޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ފާއިތުވެދިޔަ ދެހަފްތާ ތެރޭގައި ޑްރޯނުން 13 ހަމަލާ ދިނެވެ. މި ހަމަލާތަކުގައި އެމެރިކާގެ ސިފައިންނަށް މާބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
ސީރިޔާގައި ހުރި އިރާނުގެ އަމާޒުތަކަށް ރޭ ދިން ހަމަލާއާ ގުޅޭ ގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލިއޮޑް އޮސްޓިން ވިދާޅުވީ އެމެރިކާއިން ހަމަލާ ދިނީ އެފް-16 ފައިޓަރ ޖެޓް ބޭނުން ކޮށްގެން ކަމަށެވެ. އަދި ހަމަލާތައް އަމާޒު ކުރީ ސީރިޔާ އާއި އިރާގު ގުޅުވައިދޭ ބޯޑަރުގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހަތިޔާރު ރައްކާ ކުރުމަށް ބޭނުން ކުރާ ގުދަނަކަށް ކަމަށް އޮސްޓިން ވިދާޅުވިއެވެ.
އެމެރިކާއިން ދިން ހަމަލާތަކާ ގުޅޭ ގޮތުން އިރާނުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ އިތުރުން އެމެރިކާގެ ގޮނޑިކޮއްކޮ އިޒްރޭލުންވެސް ދޭތެރެ ދޭތެރެއިން ސީރިޔާއަށް ހަމަލާ ދެއެވެ.