ޒަޔަނިސްޓް އިޒްރޭލުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ޢުދުވާނުގައި މިހާތަނަށް 7،326 މީހުން ޝަހީދު ކޮށްލައިފި ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

ޒަޔަނިސްޓް އިޒްރޭލުގެ ޢުދުވާނުގައި ފަލަސްތީނުން ހަތްހާހަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފައި މިވަނީ، ފަލަސްތީނުން ޝަހީދުވާ މީހުންގެ އަދަދު އޮޅުވާލައިގެން ހަމާސް ޖަމާއަތުން ހާމަ ކުރަމުން އަންނަކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

އިޒްރޭލުގެ ޢުދުވާންތަކުގެ ސަބަބުން ޣައްޒާއިން އެއްމިލިޔަން މީން ގެދޮރުން ނިކުންނަން ޖެހިފައިވާއިރު، އާސާސީ އެންމެހައި ޚިދުމަތްތަކުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުން މަހްރޫމް ކޮށްފައެވެ.

އެމެރިކާއާ ހުޅަނގުގެ ބާރުތަކުގެ އެހީގައި ފަލަސްތީނާ ދެކޮޅަށް ޢުދުވާންތައް ހިންގަމުން އަންނަ ޒަޔަނިސްޓް އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ އަދި ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަރުގަދަ ހަމަލާތަކެއް ދިނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި އިޒްރޭލުން 1400 މީހުން މަރާލިއެވެ. މީގެ ތެރޭގައި 300 ސިފައިން ހިމެނެއެވެ. ހަމާސް ޖަމާއަތާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލުން 200،000 އެއްހައި މީހުން ވަނީ ޓެންޓްތަކަށް ބަދަލު ކޮށްފައެވެ.