އައްޑޫ ސިޓީ ސައުތު ޕާމް ރިސޯޓުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ރިސޯޓުން ދެ ފަތުރުވެރިއަކު ޕޮޒިޓިވް ވެފައިވާކަން އެޗުއީއޯސީ އިން ވެސް ވަނީ ޔަގީން ކޮށްދެއްވައިފައެވެ. އެ ދެ ފަތުރުވެރިންނާއި ކޮންޓެކްޓްވި ތިން މުވައްޒަފަކު ވަނީ އެކަހެރި ކޮށްފައި ކަމަށް ވެސް އެޗުއީއޯސީން ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނާ ކޮންޓެކްޓްވުމުން އެކަހެރި ކޮށްފައިވަނީ އެމީހުންގެ ގައިޑަކަށް އުޅުނު މީހާއި، ވޭޓަރަކަށް އުޅުނު މީހާއި ރޫމް ބޯއިއެވެ. އެހެންނަމަވެސް އިތުރު މީހުން ވެސް އެމީހުންނާ ކޮންޓެކްޓްވެފައި ތިބެދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ އެމީހުން ފުރަން ތައްޔާރުވެގެން ތިއްބާ އެމީހުންގެ ރޫމަށް ވެސް މީހަކު ގޮސްފައިވާކަން އެނގިފައިވާތީއެވެ.

އެ ދެފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އެމީހުން ފުރުމުގެ ކުރިން ހެދި ޓެސްޓުންނެވެ. އެމީހުން ވެސް މިހާރު ތިބީ އެރިސޯޓުގައި އެކަހެރިކޮށްފައެވެ. އެމީހުންގެ ގައިން މިހާތަނަށް ކޮވިޑްގެ އެއްވެސް އަލާމާތެއް އެމީހުންގެ ގައިން ފެނިފައި ނުވާކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ ޖުމްލަ 1017 މީހުން ކަމަށް ހިސާބުތަކުން ދައްކައެވެ. ރިސޯޓުތަކުގައި ތިބި އެކްޓިވް ކޭސްގެ އަދަދު 290 އަށްވުރެ ގިނައެވެ.

މި ބަލިން ސަލާމަތްވުމަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ސާފުތާހިރު ކަމަށެވެ. ގައިދުރުކަން ބެހެއްޓުމެވެ. ބޭރަށް ނުކުމެ ނޫޅުމެވެ. ނުކުތަސް އެޗުޕީގެ ގައިޑުލައިނަށް އަމަލު ކުރުމަށް އެތަނުން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ.