ފަލަސްތީނަށްޓަކައި ދިވެހި ފަންނާނުން ކުރިއަށްގެންދާ ބޮޑު އިވެންޓް "އިންސާނިއްޔަތަށްޓަކައި"ގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު، 4:00 އިން 6:00 އަށް އާޓިފިޝަލްބީޗުގައި ކުރިއަށް ދާ "ކުޑަކުދިންގެ ހަވީރު"ގައި މަޝްހޫރު ޑިޒައިނަރ "ރަޒީ"ގެ ހާއްސަ ކަލެކްޝަނެއް ކުޑަ އަގެއްގައި ލިބެން ހުންނާނެއެވެ.

"ހަލި" ނޫހަށް ރަޒީ ބުނި ގޮތުގައި މިއީ ފަލަސްތީނަށް އެހީވުމަށް ހުޅުވާލާ ފުރުސަތެކެވެ.

ނުހަނު މޮޅު، ފެންވަރު ރަނގަޅު ފޮތީގެ، ފުރިހަމަ ރީތި ފަރުމާތަކުގެ ޕާޓީ، ހަވީރީ މިހެދުންތައް މިފުރުސަތުގައި ވީހާވެސް ގިނަ ބަޔަކު މި ހެދުންތައް ގަތުމަކީ ރަޒީގެ ވަރަށް ބޮޑު އެދުމެކެވެ. ކުޑަކުދިންނަށް ހާއްސަ އެކިކަހަލަ، ހިތްގައިމު ކުލަކުލައިގެ މިހެދުންތައް ލިބެން ހުންނާނީ ހިތަށްވެސް ނުގެނެވޭހާ ކުޑައަގެއްގައެވެ.

މިހެދުންތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ފަަލަސްތީނަށް ހަދިޔާ ކުރެވޭނެކަމަށް ރަޒީ ވަނީ ބުނެފައެވެ.

https://instagram.com/designerrazy?utm_source=qr

ދިވެހި ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ފަންނާނުންގެ އިވެންޓުގެ އިތުރު އެތައް ކަމެއް ކުރިއަށް ރޭވިފައި ހުރިއިރު މި އިވެންޓު ލޯންޗުކުރީ އިއްޔެ ހަވީރު އޮލިމްޕަސް ކުރިމަތީގައެވެ.

އިޒްރޭލުގެ އަނިޔާވެރިކަމުގައި ނެތިފަނާވަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހިން ދަނީ އެކިނަންނަމުގައި އެކިކަހަލަ ފަންޑްރައިޒިން ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ހުރިހާ ނަމާދެއްގައިވެސް ގުނޫތުނާޒިލާ ދަނީ ކިޔމުންނެވެ.