ބ.ހިތާދޫ ރަށު ކައުންސިލުން، އެރަށުގެ ތައުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިޚް ހުސައިން ޔޫސުފުގެ ހަނދާނުގައި "ޝެއިޙް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" ތައާރަފްކޮށްފިއެވެ.

މި އެވޯޑް ތަޢާރަފްކޮށްފައިވަނީ ރޭ ބޭއްވި އެކައުންސިލްގެ 88 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުލް އަޒީޒް މުޙައްމަދު ވިދާޅުވީ ހިތާދޫ ކައުންސިލްގެ ފަރާތުން އަލަށް ތަޢާރަފް ކުރާ "ޝެއިޙް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" އަކީ ހިތާދޫއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފް ކުރާ އެވޯޑެއް ކަމަށެވެ. އަދި މިއެވޯޑަކީ ފަސް ގިންތިއަކަށް ބަހާލައިގެން ކޮންމެ އަހަރެއްގެވެސް ކައުންސިލްގެ އަހަރީ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

"ޝެއިޙް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" ތައާރަފް ކުރުމުގެ ގޮތުން ހިތާދޫ ކައުންސިލުން ވަނީ ޙުސައިން ޔޫސުފްގެ އާއިލާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ. އާއިލާގެ ފަރާތުން ދަޢުވަތު ގަބޫލް ކުރައްވައި ޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެޑައިގަތީ މަޝްހޫރު ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގައި ބ.ތުޅާދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރު އަލްއުސްތާޛާ ހިސާން ހުސައިނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ބައްޕާފުޅު ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބ.ހިތާދޫ ކައުންސިލްގެ ފަރާތުން މިފަދަ އެވޯޑެއް ތަޢާރަފްކުރުމަކީ އެއާއިލާއަށް ލިބިގެން ދިޔަ ނުހަނަ ބޮޑު ޝަރަފަކާއި އުފާވެރިކަމެއްކަމުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ހިތާދޫ ކައުންސިލަށް އަދި ހިތާދޫގެ ލޮބުވެތި ރައްޔިތުންނަށް އާއިލާގެ ފަރާތުންވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން މިފަދަ އެވޯޑެއް ތަޢާރަފްކުރުމަކީ ހިތާދޫ ކައުންސިލުން ރަށުގެ ރައްޔިތުންގެ ތަޢުލީމަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ހާމަވާ ކަމެއްކަމަށާއި މިރަށަކީ ރާއްޖޭގެ އެހެން ރަށްތަކާއި އަޅާބަލާއިރު ކުށްމަދު ރަށެއްކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ޝަރަފްވެރިމެހެމާނާ އަލްއުސްތާޛާ ޙިސާން ޙުސައިންގެ އިތުރުން އާއިލާގެ ފަރާތުން ނަބީލާ ޙުސެއިން ބައިވެރިވެޑައިގެންނެވިއެވެ.

މިޖަލްސާގައި އައްޝެއިޙް ޙުސައިން ޔޫސުފްގެ ޚިދުމަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރައްވާފައިވާ ރިޕޯޓެއްވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެބޭފުޅާއަކީ ހިތާދޫގެ މަސްވެރި ފަޤީރު އާއިލާއަކަށް އުފަންވި ތޫނުފިލި އަޒުމުވަރުގަދަ ހިތާދޫއަށާއި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެއްވިއެވެ.

2023 ވަނަ އަހަރު "ޝެއިޙް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" 02 ފަރާތަކުންވަނީ ހާސިލްކުރައްވާފައެވެ. އެއީ އެޑެކްސެލް އެޑްވާންސް އޭލެވެލް އިމްތިހާނުގެ އެކައުންޓްގ މި މާއްދާއިން މުޅި ދުނިޔެއިން 01 ވަނަ ހާޞިލް ކޮށްފައިވާ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން 06 ވަނަ ހާސިލްކޮށްފައިވާ ރަފާހާ މުޙައްމަދު، ނިވައިދަށުގެ/ބ.ހިތާދޫ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިއުކޭޝަންގެ ފަރާތުން، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން ބޭއްވި ފަންނީ މުބާރާތުގެ މަތީ ޘާނަވީ ސްކޫލުތަކުގެ ދަރިވަރުންގެ ގިންތިން، ކުރެހުމުގެ ބައިން 01 ވަނަ ހާސިލްކޮށްފައިވާ ފިރުޝާ ޝިހާމް، އަތަގަސްދޮށުގެ/ބ.ހިތާދޫ އެވެ.

މިޖަލްސާގައި ކީރިތި ޤުރްޢާން ހިތުދަސްކުރައްވާފައިވާ ބ.ހިތާދޫގެ އުމުރުން ވަރަށް ހަގު ދަރިއެއްކަމުގައިވާ އަލްހާފިޒް އަމަން އަޙްމަދު އާތިފް، ޑޭޒީމާގެ/ އެކަމުގެ އަގުވަޒަންކޮށް ބ.ހިތާދޫ ކައުންސިލްގެ ފަރާތުން ދެއްވާ ހަނދާނީ ފިލަޔަކާއި 15،000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމްގެ އިތުރުން ބ.ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދެއްވާ ހަނދާނީ ފިލާވަނީ އަރުވާފައެވެ.