ދިވެހީންގެ ހިތުގައި އިސްލާމްދީނަށާއި އިންސާނިއްޔަތަށްޓަކައި އޮތް ގަދަރާއި ލޯބިން ކުރި ހިތްވަރާއި މަސައްކަތުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވި ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ އަދަދަކަށް ރުފިޔާއާއި 13 ހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިއްޖެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދުނުމުގެ މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމުގައިވާ އައިއޭސީން ބުނީ، "ޣައްޒާ އިމަރޖެންސީ ރިލީފް 2023″ ފަންޑަށް މިހާތަނަށް 23،987،108 ރުފިޔާ އަދި 13،023 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

މިފަންޑަށް އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ތަފާތު ހަރަކާތްތައް ވެސް ބާއްވައިގެން ފައިސާ އެއްކޮށް، ފަންޑަށް ހަދިޔާކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ދިޔައީ ވަރަށް ފޯރިއާއިއެކުކަން ފާހަގަވެއެވެ. މީގެ އިތުރުން ފަންޑް ރެއިސް ކުރުމަށް ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާ ކަހަލަ އެކި އެއްޗެހި ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

އާންމު ރައްޔިތުންވެސް އެބައެއްގެ ފެންވަރުން ކޮންމެ ބަޔަކުވެސް ކޮންމެވެސް މިންވަރެއް ފަލަސްތީނަށްޓަކައި ހަދިޔާ ކުރަމުން އަންނަކަމީ ދިވެހިންގެ ހިތުގައި އިސްލާމްދީނަށާއި އިންސާނިއްޔަތުކަމަށްޓަކައި އޮތް ލޯބި ހާމަވެ އެނގޭކަމެކެވެ. މިފަދަ ކޮންމެ ކަމެއްގައި ދުނިޔޭގެ ކޮންމެ ދިމާއަކުން ކަމުގައި ވިޔަސް މިހާތަނަށް ދިވެހިން ދައްކަމުން އަންނަނީ ރިވެތި ނަމޫނާއެކެވެ.

އައިއޭސީން ވަނީ އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ރައްޔިތުން ދެއްވާ އެހީ އަދި އެބޭފުޅުންނަށް ދެއްވާ އެއްބާރުލުމަށް ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާ ދެކޮޅަށް މި މަހުގެ 7 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެއާއި އެކީ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވެސް ވަނީ ހަމަލާތަކެއް ދީފައެވެ.

އިޒްރޭލުގެ ޔަހޫދީ ޒަޔަނިސްޓުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގ ގާޒާ އަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 8،000 އާއި ކައިރިކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ. އަދި 18،000 މީހުން ޒަޚަމްވެފައިވާއިރު 1،600 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްވެސް ދަނީ ހުއްޓާނުލާ ކުރިއަށެވެ. ޝަހީދުވެފައިވާ ބައެއް މީހުންގެ ގުނަވަންތައް ވަކިވެ ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ މަންޒަރު ފެންނައިރު ހޮސްޕިޓަލުތައް ވަނީ ޒަޚަމްވެފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުންގެ ހަށިތަކުން ފުރިފައެވެ.

ޣައްޒާގެ އާންމުންނަށް ބެލުމެއް ނެތި އިސްރާއީލުގެ ނިރުބަވެރިން ހަމަލާތައް ދިނުމާއި ގުޅިގެން ޣައްޒާގެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އަދި މިވަގުތު ކާބޯތަކެތީގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.