ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވި މާދަމާއަށް އެ މައްސަލަ އެޖެންޑާކުރުމަށް ހަމަޖައްސައި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވުމަށްފަހު ނޯޓިސް ހަމަވުމާއެކު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަށް މައްސަލަ އެޖެންޑާ ކުރަންޖެހޭ ކަމަށެވެ.

އަދި މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ބަލަހައްޓަންވާނެ ކަމަށް ބަޔާން ކުރާ ކަމަށާއި، ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅަ އުޅުއްވާކަމަށް ވިދާޅުވެ ސަލާމް ފޮނުއްވާފައިވާ ކަމަށް ނިއުޝާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މާދަމާގެ ޖަލްސާއަށްވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާނެކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.