މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާގައި އިއުލާންކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމާ މީހުންގެ ލިސްޓު މިސަރުކާރުން ނެރުނީ ފާއިތުވި އޮގަސްޓުމަހުގެ އަށްވަނަ ދުވަހުއެވެ. އެލިސްޓުގައި ހިމެނެނީ 15،046 މީހުންނެވެ.

މީގެއިތުރުން އެއީ އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނެވެ. ނަމަވެސް ސަރުކާރުން ނިންމާފައިވަނީ ފުރަތަމަ ބުރުގައި ފްލެޓް ހަވާލުކުރާނީ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ 4،000 މީހުންނަށް ކަމަށެވެ.

އަދި މި ސްކީމުގެ ދަށުން ސަރުކާރުން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަށާރަ ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

ހަމައެއާއެކު ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއިވަނީ، 4،000 ހައުސިން ޔުނިޓް އެޅުމަށް ހަވާލު ކޮށްފައެވެ. މި ހައުސިން ޔުނިޓް އަޅަނީ ފަހިދިރިއުޅުން ކޯޕަރޭޝަންއިންނެވެ.

އޭގެ އިތުރަށް 2،000 ޔުނިޓް އިމާރާތް ކުރުމަށް މިހާރުވަނީ ބަޔަކާ ހަވާލު ކޮށްފައެވެ.