އާންމުކޮށް ގެއިން ލިބެން ހުންނަ ފެނުން ފެންވެރުމުގެ ބަދަލުގައި ހޫނުފެނުން ފެންވެެރުމަށް ދެވިހިފާފައި ތިބޭ މީހުންނާ ބައްދަލުވޭ ހެއްޔެވެ. ހޫނުފެން ލިބޭނެ ގޮތެއް ނެތިއްޔާ ފެން ކައްކައިގެންވެސް ހަމަ ފެންވަރަން ބޭނުން ވާނީ ހޫނު ފެނުގަައެވެ. މިވަނީ ކީއްބާވައެވެ.

މިއީ ސަބަބެއް ނެތި ވާކަމެއް ނޫނެވެ. ހޫނު ފެނުން ފެންވަރާލުމަކީ އެތައް ބައިވަރު ގޮތްގޮތުން ފައިދާވެސް ހުރި އެހާމެ ހަށިގަނޑަށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އެގޮތުން ހޫނުފެނުން ފެންވެރުމުން މަސްތަކާއި ހުޅުތަކުގައި ހުންނަ ކުދި ތަދުތައް ލުއިކޮށްލައެވެ. އަދި ހަމައެހެންމެ ސާފު ހަންގަނޑެއް ލިއްބައިދީ، ލެއްޕިފައިވާ ޕޯލްސްތައް ހުޅުވައި ސާފުކޮށްދެއެވެ. ހޫނުފެނުން ފެންވެރުމުން ބޮލުގެ ރިއްސުން ފިލުވައިލަންވެސް އެހީތެރިވެދެއެވެ.

ހޫނުފެނުން ފެންވެރުމުގެ ފައިދާ އެންމެ ބޮޑަށް ފެންނަ އެއްވަގުތަކީ ނިދުމުގެ ގަޑިއެއް ދެގަޑިއެއްހާއިރު ކުރިން ހޫނުފެނުން ފެންވެރުމެވެ.

ބުރަ އަދި ވަރުބަލި ދުވަހެއް ނޫނީ ހާސްކަން ބޮޑު ދުވަހެއްގެ މަސައްކަތަށްފަހު ހަށިގަނޑަށް އަރާމެއް ނުލިބި އުނދަގޫވާހެން ހީވާނަމަ އަވަހަށް ހޫނުފެނުން ފެންވަރާލާށެވެ. ހޫނުފެނުން ފެންވަރާއިރު، ނާރުތަކާއި މަސްތަކަށް އަރާމުވެ ލުއިވަމުންދިޔުމާއެކު ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުކޮށްދީ ފައިގެ ކަކުލާއި ކޮނޑުފަދަ ހުޅުތަކުގައި ހުންނަ ނޭނގޭ ދުޅަވުންތައް ނެތިކޮށްލާނެއެވެ.

ނޭފަތުން އާވި އެރުވުމަކީ ހުން އައުމާއި ކެއްސުމަށް ގަދީމީ ގުދުރަތީ ފަރުވާއެއްކަމަށް އެންމެންވެސްގަބޫލުކުރެއެވެ. ހޫނުފެނުން ފެންވަރާއިރު ނޭވާލާ ނިޒާމު ހުޅުވައި ނޭފަތް ސާފުކޮށްލަދެއެވެ. ހާއްސަކޮށް މޫނުގައި އަދި އާންމުކޮށް މުޅިގައިގެ އެކިތަންތަނުގައި ނަގާ ބިހިތަކާއި ބްލެކްހެޑްސްތައް ނައްތާލައި ހަންގަނޑު ސާފުކޮށްދޭންވެސް ހޫނުފެން އެހީތެރިވެއެވެ.

ހަމުގެ ޑޮކްޓަރުން ލަފާދެނީ ދުވާލަކު އެއްފަހަރު ހޫނުފެނުން ފެންވެރުމަށެވެ. އެހެންނަމަވެސް ހޫނުފެނުން ފެންވެރުމުގައިވެސް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުން ސިއްހީ މާހިރުންގެ ލަފާ ހޯދުންވެސް މުހިންމެވެ.