ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އެކްސް.ކޮމް ގައި ރޭ މޫކޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އޭނާގެ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށް އޭނާއަށާއި ދަރިފުޅަށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މީހަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ދަރިފުޅާއި މޫކޭ މަރާލާނެ ކަމަށްބުނެ އިންޒާރުވެސް އެމީހާ ދީފައިވާ ކަމަށްވެސް މޫކޭ ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ މޫކޭ އަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޫކޭ ވަނީ އޭނާ އަށް އިއްޔެހަވީރު އިންޒާރުދީ މާރާމާރީ ހިންގި މީހާގެ ފޮޓޯ ވެސް އެކްސް،.ކޮމްގައި ހިއްސާ ކުރައްވާފައެވެ.