އައްޑޫސިޓީ ކައުންސިލާ ގުޅިގެން ވިލާ ކޮލެޖުން ދޭ ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަރޝިޕް 2 މީހަކަށް ދީފިއެވެ.
ވިލާ ކޮލެޖުންދޭ ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަރޝިޕަކީ 2017 ވަނަ އަހަރު އައްޑޫސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ ފުރުސަތަކެވެ. އެގޮތުން އަންޑަރ ގްރެޖުއޭޓް ސްކޮލަރޝިޕް ފުރުސަތަށް ހޮވިފައިވަނީ، އަހުމަދު މިލްސަންއެވެ. އޭނާއަށް ސްކޮލަރޝިޕް ލިބިފައިވަނީ ބެޗެލަރސް އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯހަށެވެ. ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕް ލިބިފައިވަނީ ސުފާނީ ނިޒާރަށެވެ. އެނާއަށް ލިބިފައިވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެދުމުގެ ފުރުސަތެވެ.
ސޮކޮލަރޝިޕް ހަވާލު ކުރުމަށް އައްޑޫސިޓީ ކައުންސިލުގައި ޖެނުއަރީ 21 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ މޭޔަރ އަބްދުﷲ ސާދިޤާއި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ވިލާ ކޮލެޖުން ވިދާޅުވީ، 2017 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން މިހާތަނަށް މި ސްކޮލަރޝިޕް ހަވާލު ނުކުރެވިފައި ވަނީ، ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުން ނަގާ ކޯހަށް ހިތަދޫ ކެމްޕަހުގައި، ބޭނުންވާ ވަރަށް ކުދިން ހަމަނުވުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ވަނީ އެ ޢަދަދަށް ކުދިން ހަމަވެފައެވެ.
މިއަހަރު މި ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލުމުން ޖުމްލަ 7 މީހުންވަނީ ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 4 މީހަކު ޝޯޓު ލިސްޓް ކުރުމަށްފަހު ސްކޮލަރޝިޕް ދީފައިވަނީ ދެ މީހަކަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުގެ އާ ކެމްޕަހުގެ ބިންގާ ވަރަށް އަވަހަށް އެޅިގެންދާނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕް ދިނުމަށް ފަހު ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކޮލެޖުން މޮނިޓަރ ކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫސިޓީ މޭޔަރ އަބްދުﷲ ސާދިޤް ވަނީ މިބައްދަލުވުމުގައި ވިލާ ކޮލެޖަށް ސިޓީ ކައުންސިލުން ބިން ދިން މައްސަލައިގައި ކޮރަޕްޝަނެއް ވޭތޯ ބެލުމަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ކޮރަޕްޝަނެއް ނުވާކަން އޭސީސީ އިން އަންގާފައިވާ ކަން ހާމަ ކޮށްފައެވެ.