ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުން މަރަމުން ގެންދާ ގެންދިޔުން ހުއްޓުވުމަށް އެތައް ފަހަރަކު ގޮވާލުމުންވެސް އެކަމަށް އިޒްރޭލުން އިޖާބަ ދީފައި ނުވާ ކަމަށް ބުނެ ދެކުނު އެމެރިކާ ބައްރުގެ ބޮލީވިޔާއިިން އިޒްރާލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފިއެވެ.

ބޮލީވިޔާގެ މިނިންމުން ހާމަ ކުރެއްވީ ރައީސް ލުއިސް އާސޭގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ މާރިއާ ނެލާ ޕްރާޑާ ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"މިހާތަނަށް އެތައް ހާސް އާންމުންގެ ފުރާނަ ގެއްލިއްޖެ، ޣައްޒާގެ ރައްޔިތުން މަޖުބޫރީ ހާލަތުގައި ގެދޮރު ދޫކޮށް ދާން ޖެހިއްޖެ. ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަޅުގަނޑުމެން ޑިމާންޑް ކުރަން" ޕްރާޑާ ވިދާޅުވި އެވެ.

މި ނިންމުމަކީ "ޣައްޒާގައި އިސްރާއީލުން ހިންގާ އުދުވާނީ އަދި ނިސްބަތުން ބޮޑު އަސްކަރީ ހަމަލާތަކާއި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކާ ކުށްވެރިކުރުން" ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު ފްރެޑީ މާމާނީ ވިދާޅުވި އެވެ.

ބޮލީވިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ފްރެޑީ މާމާނީ ވިދާޅުވީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް އިޒްރޭލް ކިބައިގައި ނެތް ކަމަށެވެ.

މާމާނީ ވިދާޅުވީ ކާބޯތަކެއްޗާއި ފެނާއި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މާއްދާތައް ޣައްޒާއަށް އެތެރެވިޔަ ނުދިނުމަށް އިސްރާއީލުން ހިންގާ ބްލޮކޭޑް ނިންމާލުމަށް ބޮލީވިޔާއިން ގޮވާލާ ކަމަށެވެ.

"މި ނިންމުމަކީ ޣައްޒާގައި އިސްރާއީލުން ހިންގާ އުދުވާނީ އަދި ގެއްލުން ބޮޑު އަސްކަރީ ހަމަލާތަކާއި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކާ ކުށްވެރިކުރުން" މާމާނީ ވިދާޅުވި އެވެ.

ގަދަކަމުން ފަލަސްތީނުގެ ބިމަށް ވެރިވެގެން ތިބި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލް އާންމުތައް ހިންގަން ފެށީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މި ގަތުލް އާންމުތަކުގައި މިހާތަނަށް ފަލަސްތީނުން ނުވަ ހާހާއި ގާތް ކުރާ އަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 3500 އެއްހައި ކުޑަކުދިން ހިމެނެއެވެ.