މާދަމާ ރޭ އޮލިމްޕަހުގައި ބައިސްކޯފުން އިސްނަގައިގެން ދިވެހި އެކި ފަންނާނުންނާ ގުޅިގެން ބާއްވާ އިވެންޓުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

ބައިސްކޯފުން ބުނީ އެފަަރާތުން އިސްނަގައިގެން ބާއްވާ މި ހަރަކާތުގައި، ދިވެހި ފިލްމީ ދާއިރާގެ 30 އަށްވުރެ ގިނަ ފަންނާނުންގެ ހުނަރު ދެއްކުން އޮލިމްޕަހުގައި ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މި ޝޯ ކުރިއަށް ދާނީ މާދަމާ ރޭ 8:30 އިން 12އަށެވެ.

އަދި މި އިވެންޓުގެ ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. އަދި ޓިކެޓު ބުކްކުރުމަށް 9758808 އަށް ގުޅައިގެން ވަގުތުން ބުކްކުރެވޭނެއެވެ.

މީގެއިތުރުން ބައިސްކޯފުން ބުނީ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް މޯލްޑިވިސް ރެޑް ކްރެސެންޓްއަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 23 މިލިއަން ރުފިޔާ އާއި 13،000 ޑޮލަރު ގާޒާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމުގެ ގޮތުން ހަދިޔާކޮށްފައެވެ.